އެމެރިކާގެ މަޝްޙޫރު ކޮމީޑިއަން އެޑީ މާފީގެ ދޮށީ ބޭބޭ، ޗާލީ މާފީ އުމުރުން 57 އަހަރުގައި މަރުވެއްޖެއެވެ.
ލުކޭމިއާ ބައްޔަށް ފަރުވާކުރަމުން ދަނިކޮށް ޗާލީ މަރުވީ އިއްޔެގެ ވަގުތެއްގައި ނިއު ޔޯކްގެ ހޮސްޕިޓަލެއްގަ އެވެ.
ކޮމީޑިއަންނެއް ގޮތުގައި ޗާލީ އޭނާގެ ކެރިއާ ފެށީ ޑޭވް ޗަޕެލްގެ ޝޯއިންނެވެ. މީގެ އިތުރުން ޖަންގަލް ފީވާ އަދި ލޮޓެރީ ޓިކެޓް ފަދަ ފިލްމުތަކުންވެސް ޗާލީ ފެނިގެން ގޮސްފާވެއެވެ.
ޗާލީ ވަނީ އޭނާގެ ކޮއްކޮ އެޑީގެ ބައެއް ފިލްމުތައް ކޯ-ރައިޓްކޮށްދީ އަދި ބައެއް ފިލްމުތަކައް އެކްޓުވެސް ކޮށްދީފައެވެ.
ހޮލީވުޑް ރިޕޯޓާއަށް ދިން ބަސްދީގަތުމެއްގައި ޗާލީގެ އާއިލާއިން ބުނީ އޭނާ ވަކިވެގެން ދިއުމަކީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމަށާއި، އޭނާގެ މަތިން ހަނދާން ނުވާނެ އެއްވެސް ވަގުތެއް ނުދާނެކަމަށެވެ. އަދި އޭނާގެ އާއިލާއަށް ހަމްދަރުދީއާއި ހިތްވަރުދެމުން އަންނަ ފަރާތްތަކަށް ޝުކުރުއަދާކުރިއެވެ.
ޗާލީ ހޮލީވުޑަށް ތަޢާރަފުވުމުގެ ކުރިން އޭނާ އަދާކުރީ އޭނާގެ ކޮއްކޮ އެޑީގެ ބޮޑީގާޑުގެ ވަޒީފާއެވެ. އެޑީގެ ގައިގާއި ހުންނަ މީހުން ހެއްވާލުމުގެ ހުނަރަށް ޗާލީ އަބަދުވެސް ތަޢުރީފުކުރެއެވެ.
ހޮލީވުޑްގެ ވަރަށް ގިނަ ކޮމީޑިއަނުންނާއި އެކްޓަރުން އަންނަނީ ޝޯޝަލް މީޑިއާގައި ޗާލީގެ އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް