ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ބެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ރިޔާޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. މިދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ފޯނު ހުޅުވުމަށް އެދުމުން ޕާސްވޯޑު ހަނދާން ނެތް ކަމަށް ބުނެ ފޯނު ނުހުޅުވުމުން ނެވެ.
މި ދައުވާއަށް ރިޔާޒު ވަނީ އިންކާރު ކުރައްވާފައި އެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލާ ވިދާޅުވެފައިވަނީ މިހާތަނަށް ހެއްކަސް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައި ނުވިޔަސް ރިޔާޒު ބަންދުގައި ބަހައްޓަން ބޭނުންވަނީ ހެއްކަށް ނުފުޒު ފޯރުވުމުގެ އަމަލެއް ހިންގާދާނެ ކަމަށް ބަލައި ކަމަށެވެ. އަދި ފިތުނަ އުފެއްދިކަމުގެ މައްސަލައެއް ތަހުގީގު ކުރަމުންދާއިރު އެ ކަމަށް ރިޔާޒުގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.
ޖަވާބުގައި ރިޔާޒުގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވިދާޅުވެފައިވަނީ ބަންދުގައި ބެހެއްޓޭނީ މިހާރު ހިނގަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ އަހުމަދު ޝަކީލް ނިންމެވީ ރިޔާޒު ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށެވެ. އެއީ މިހާތަނަށް އޭނާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވުމުން ކަމަށެވެ.
ޝަރީއަތް މިއަދު ނިންމާލީ ރިޔާޒަށް ޖަވާބުދާރީ ވުމަށް ހަތް ދުވަސް ދޭން ނިންމާފައި އެވެ. ދެން މި މައްސަލައިގެ އަޑު އެހުމަށް އޮންނާނީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް