ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ވޯލްޑް ބޭންކްއިން 18 މިލިއަން ޑޮލަރު ދެނީ

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވޯލްޑް ބޭންކުން 18 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ. އެ މިނިސްޓްރީން ބުނިގޮތުގައި ވޯލްޑް ބޭންކްއިން އެ ފައިސާދެ...

13 Apr 2017 | 05:56

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވޯލްޑް ބޭންކުން 18 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފިކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ވޯލްޑް ބޭންކްއިން އެ ފައިސާދެނީ، ރާއްޖޭގެ ކަނޑުގެ މުއްސަނދިކަން ކުރިއަރުވާ ތަރައްޤީކޮށް ހެޔޮގޮތުގައި ބޭނުންކުރުމަށް އެކުލަވާލެވިފައިވާ "މޯލްޑިވްސް ސަސްޓެއިނަބުލް ފިޝަރީޒް ރިސޯސް ޑިވެލޮޕެމެންޓް ޕްރޮޖެކްޓް" ގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހިންގުމަށެވެ. މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދާނީ މިއަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކުރިގޮތުގައި އެ ޕްރޮޖެކްޓުގެ ދަށުން މަސްވެރިންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ފުރިހަމަ ވެސެލް ލޮކޭޓިން ސިސްޓަމެއް އާ ޓެކްނޮލޮޖީގެ އެހީގައި ޤާއިމްކުރާނެ ކަމަށާއި އަދި އެ ނިޒާމުގެ އެހީގައި މަސްވެރިން ބާނާ މަހަށް އެންމެ ރަނގަޅު އަގު ހޯދައިދިނުމަށް ބައިނަލްއަޤުވާމީ ގޮތުން ލާޒިމްކުރާ މަސްވެރިކަން ބެލެހެއްޓުމަށްޓަކައި ހުށަހަޅަންޖެހޭ ތަފާސް ހިސާބުތައް ފަސޭހަކަމާއެކު ހުށަހެޅޭކަމަށެވެ. މި ސިސްޓަމްގެ އެހީގައި މަސްވެރިން މިހާރު އެކަމަށް ކުރާ ޚަރަދު އެތައް ގުނައަކަށް ކުޑަވެގެންދާނެއެވެ.

މި ޕްރޮޖެކްޓް ފަށައިގަތުމަށްޓަކައި ވޯލްޑް ބޭންކާއެކު ރާއްޖެއިން މަޝްވަރާކުރީ ނުވަ މިލިއަން ޑޮލަރުގެ އެހީ ހޯދުމަށެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތް ފުރިހަމަކަމާއެކު ނިންމާލެވިއްޖެނަމަ ދެވަނި ފިޔަވަހީގެ މަސައްކަތައްވެސް ފައިސާގެ އެހީދޭނެކަމުގެ ޔަޤީންކަން ވޯލްޑް ބޭންކުން ދީފާއިވާކަމަށްވެސް ފިޝަރީޒް މިނިސްޓްރީންވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް