ވެލާނާ އިންޓަނަނޭޝަނަލް އެއާޕޯޓުގަ ތަރައްގީ ކުރަމުންދާ އާ ރަންވޭގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ އޯގަސްޓު މަހު ބޭނުން ކުރަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ 51 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ސައީދު ވިދާޅުވީ އެއާޕޯޓުގައި ހިންގަމުންދާ ބިޔަ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފުރަތަމަ މަސައްކަތް ނިމޭނީ އާ ރަންވޭގެ މަސައްކަތް ކަމަށެވެ.
އާ ރަންވޭއެއް އެޅުުގެ އިތުރުން ވީއައިއޭޣައި ދަނީ އާ ޓާމިނަލް އާއި ފިއުލް ސްޓޯރޭޖްގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެއް ބިލިއަން ޑޮލަރު ހަރަދުކޮށްގެން އޭނާ ވިދާޅުވި އެވެ.
"މި އެއާޕޯޓުގެ ތާރީހުގައި 51 އަހަރު ފުރުނުއިރު މިއަދު މި އެއާޕޯޓު، އާދެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ދެކެމުންމިދާ ތަރައްގީ ނުވަތަ އެއާޕޯޓުގައި މި ހިންގޭވަރުގެ މަޝްރޫއެއް މީގެ ކުރިން ހިންގިފައެއް ނުވޭ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޑަ ޖަޒީރާ އެއްވެސް ގައުމެއްގައި މިފަދަ ބޮޑު އިނޮވޭޓިވް މަޝްރޫއެއް ހިންގިފައެއް ނުވާނެ،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ރާއްޖޭގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް އުމްރާނީ އަދި އިގްތިސާދީ އެތައް މަޝްރޫއެއް ހިންގަމުންދާ މަންޒަރު ފެންނަ ކަމަށާއި އެ މަސައްކަތްތައް ގުޅިފައި ވަނީ އެ އެއާޕޯޓަށް ގެނެވޭ ތަރައްގީއާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ތަރައްގީކުރުމަށް އެއާޕޯޓް ބަންދުނުކޮށް ހިންގަން ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.
ރޭގެ ހަފްލާގައި ވަނީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގާ ޕްރޮގްރާމްތަކުން ޖާގަ ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްފައި އެވެ.
އެގޮތުން 10 މުވައްޒަފަކަށް ހައްޖު ދަތުރު ދީފައިވާއިރު ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ދަރިންނަށް ކިޔަވައި ދިނުމަށް އިންޓްރެސްޓަކާއި ނުލާ ދޫކުރާ ލޯނު 11 ފަރާތަކަށް ދީފައިވެ އެވެ. އަދި ވަޒީފާގައި ތިބެގެން ކިޔަވަން ބޭނުންވާ 47 މުވައްޒަފަކަށް ލިޔުން ހަވާލުކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް