ގާނޫނާއި ހިލާފަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަދީގެން މިއަހަރުގެ މިހާތަނަށް 67 ތަނެއް ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެެވެ.
އެޗްޕީއޭއިން ބުނީ މިހާތަނަށް ޖޫރިމަނާކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ ކެފޭ އާއި ރެސްޓޯރެންޓްތައް ކަމަށެވެ. އެ ތަންތަނަށް ދޫކޮށްފައިވާ ސާފުތާހިރު ކަމުގެ ހުއްދަ އާކުރެވޭނީ މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ޖޫރިމަނާާގެ ފައިސާ ދެއްކުމުން ކަމަށް އީޕީއޭއިން ބުނެ އެވެ.
އެޗްޕީއޭއީން ބުނީ މިދިޔަ އަހަރު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ގާނޫނާއި ހިލާފުވެގެން 191 ތަނެއް ޖޫރިމަނާކޮށްފައިވާ ކަމަށާއި އަދި މިއަހަރުގެ މިހާތަނަށް ގާނޫނާއި ހިލާފުވެގެން 67 ތަނެއް ޖޫރިމަނާކޮށްފައިވާ ކަމަށެެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށީ 2013 ވަނަ އަހަރުގެ ޖެނުއަރީ އެކެއްގައި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ ތަންތަން ކަނޑައެޅުމުގެ ގަވާއިދުގައި ބުނެފައިވަނީ ސަރުކާރުގެ އެންމެހާ އިދާރާތަކެއް ހިންގާ އިމާރާތްތަކާއި ކުޑަކުދިންގެ ޕާކް ތަކާއި އެކުދިން އާންމުކޮށް މުނިފޫހި ފިލުވުމަށް ގޮސް އުޅޭ ތަންތަނާއި ފެރީ އުޅަނދުތަކާއި ފެރީ ޓާމިނަލް ތަކާއި ކެފޭ ހޮޓާ ތަކާއެކު 12 ގިންތިއެއްގެ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ކުރެވިފައިވާ ތަންތަނަށް ހާއްސަ ހުއްދައެއް ހޯދަންޖެހެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކު 500ރ. އިން ޖޫރިމަނާ ކުރެވެ އެވެ. މަނާކަމަށް ކަނޑައަޅާފައިވާ ތަންތަނުގެ ތެރެއިން އާންމު ތަންތަން ފިޔަވައި އެހެނިހެން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެތަނެއްގެ ވެރިފަރާތް 1000ރ. ޖޫރިމަނާ ކުރެވެ އެވެ. މަނާ ތަނެއްގައި އެކަން އަންގައިދޭ ލިޔުން ބަހައްޓާފައިނުވާ ނަމަ ފުރަތަމަ ފަހަރު ތަނުގެ ވެރިފަރާތް 500ރ. އިން ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 5000ރ. ޖޫރިމަނާ ކުރެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް