އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޒިންމާދާރު ވެރިޔާ، ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް، ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހަށް މިއަދު ބަދަލުކޮށްފި އެވެ.
ނައީމްގެ އިތުރުން އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަ މުހައްމަދު މުސްތަފާ ވެސް ވަނީ މިއަދުން ފެށިގެން ސެކްޝަން ބަދަލުކޮށްފަ އެވެ. އޭނާ ބަދަލުކުރީ ވޯޓާ އެންޑް ސެކްޝަން ސެކްޝަނަށެވެ.
އެންވާޜްމަންޓް މިނިސްޓްރީން ފޮނުވި މެމޯއެއްގައި ބުނެފައިވަނީ އީޕީއޭގެ އިދާރީ ހިންގުމަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ބަދަލާއި އެކު މިހާރު އީޕީއޭ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އީޕީއޭގެ ޑިރެކްޓަރު ޔަޒީދު މުހައްމަދު ކަމަށް މައުލޫމާތު ލިބެ އެވެ.
އީޕީއޭގެ ޑީޖީ ނައީމާއި މުސްތަފާ އެހެން ތަނަކަށް ބަދަލުކުރިއިރު، ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކުގެ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށްޓަކައި ސަރުކާރުގެ މެމްބަރަކު ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހަށް އޭނާ ވަނީ ފާޑުވިދާޅުވެފަ އެވެ.
އެ އިސްލާހާ މެދު ނައީމް ވަނީ މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާގެ މަޝްރޫއުތަކުގެ އީއައިއޭ ހެދުން ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ފާސްވެ، ތަސްދީގު ކޮށްފި ނަމަ ތިމާވެށި ދަމަހައްޓަން އުނދަގޫވެ، ހުރަސްތައް ކުރިމަތިވާނެ އެވެ. އެހެންވެ އެކަމާ މެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް