ގާނޫނުލް އުގޫބާތަށް އަމަލަކުރުން ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ، ސަރުކާރުގެ އަޣުލަބިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ނުބައި ނިޔަތެއްގައި ހިންގާފައިވާ ޖަރީމާއެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުލް އުގޫބާތަށް އަމަލުކުރުން ކުއްލިގޮތަކަށް ފަސްކުރީ، އެއްވެސް ސަބަބެއް އޮވެގެން ނޫން ކަމަށެވެ. އާ ގާނޫނުލް އުގޫބާތަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ކަމާބެހޭ މުއައްސަސާތަކަށް ލިބިފައިވާ ކަމަށް އެމްޑީޕީން ގަބޫލުކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ގާނޫނުލް އުގޫބާތަށް އަމަލުކުރުން ފަސްކުރަން ފާސްކުރި އިސްލާހަކީ މަޖިލީހުގެ ގަވާއިދުން ބޭރުން، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަކާ ނުލައި ފާސްކުރި އިސްލާހެއް ކަން ވެސް އެމްޑީޕީން ވަނީ ބަޔާނުގައި ފާހަގަކޮށްފަ އެވެ.
"ޕާޓީން ގަބޫލުކުރާ ގޮތުގައި ސަރުކާރުން މިއަދު ގާނޫނުލް އުގޫބާތަށް ޢަމަލުކުރަން ފަސްކުރީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހުށަހެޅިފައިވާ ދަައުވާތަކުގައި ބޮޑެތި ހުކުމްތަކެއްކޮށް އިދިކޮޅު ސިޔާސީ އަޑު ނެތިކުރުމުގެ ނުބައި ނިޔަތުގަ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އިއްޔެގެ ޖަލްސާގައި ފާސްކުރި އިސްލާހު ސައްހަކަމާ މެދު މަޖިލީހުގެ ބައެއް މެމްބަރުންނާއި ގާނޫނީ ވަކީލުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. ނަމަވެސް އެއީ ސައްހަ ނިންމުމެއް ކަމަށް ސަރުކާރު ކޯލިޝަނުން ބުނެ އެވެ.
މިދިޔަ އަހަރު ތަސްދީގުކުރެއްވި ގާނޫނުލް އުގޫބާތުގައި ބުނެފައިވާ ގޮތުން، އެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށަންޖެހެ އެވެ. ނަމަވެސް މަޖިލީހުން އިއްޔެ ފާސްކޮށް، ރޭ ރައީސް ތަސްދީގުކުރި ބިލްގައި ބުނެފައިވާ ގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާނީ މީގެ ތިން މަސް ފަހުން، ޖުލައި 16، 2015ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް