އަފްރާޝިމް މަރުގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ ރައީސް ޔާމީނަށާއި އަދީބަށް: ހުމާމް

ޑރ. އަފްރާޝީމް އަލީގެ މަރުގެ ކަންތައްތައް އޭނާއަށް ވުރެ ރަނގަޅަށް އިނގޭނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނަށާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ކަމަށް އެ މައްސަލައިގަ ކްރިމިނަލް ކޯޓުން މަރަން ...

13 Apr 2015 | 07:13

ޑރ. އަފްރާޝީމް އަލީގެ މަރުގެ ކަންތައްތައް އޭނާއަށް ވުރެ ރަނގަޅަށް އިނގޭނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނަށާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބަށް ކަމަށް އެ މައްސަލައިގަ ކްރިމިނަލް ކޯޓުން މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް ބުނެފި އެވެ.

ހުމާމް މިހެން ބުނީ އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ އެ މައްސަލާގައި ބޭއްވި ދެވަނަ އަޑުއެހުމުގަ އެވެ.

ޝަރީއަތުގެ އަޑުއެހުމުގައި ހުމާމު ބުނީ ދައުވާ އަށް ތައްޔާރުވުމަށް އޭނާވެސް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި، ގާނޫނީ ގޮތުން މާގިނަ އެއްޗެހިތަކެއް ނޭގުނަސް މިކަމާއި ގުޅުންހުރި ގާނޫނުތައް ކިޔާ އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ. ހުމާމާއި ދެކޮޅަށް ދައުލަތުން ކުރާ ދައުވާއާއި ގުޅިގެން ހުމާމް ބުނީ ޑރ. އަފްރާޝިމްގެ މަރާއި އެފަދަ ކަންކަން އޭނާއަށް ވުރެ ބޮޑަށް އިނގޭނީ ރައީސް ޔާމިނާއި މިނިސްޓަރު އަދީބަށް ކަމަށެެވެ.

އޭނާ އެ ވާހަކަ ދައްކަން ފެށުމުން ފަސް ފަނޑިޔާރުން ހިމެނޭ ބެންޗުން ވަނީ އެކަން ހުއްޓުވާފަ އެވެ. އަފްރާޝިމް މަރުގެ ކަންކަން އޭނާއަށް ވުރެ ބޮޑަށް އިނގޭނީ ރައީސް ޔާމިނާއި މިނިސްޓަރު އަދީބަށް ކަމަށް ހުމާމް ބުނީ ދައުވާއަށް ޖަވާބުދިނުމަށް ފަނޑިޔާރުން މުއްދަތެއް ދިނުމުން ވާހަކަ ދެއްކުމުގެ ފުުރުސަތަކަށް އެދި ފަނޑިޔާރުން ދިން ފުރުސަތެއްގައި ވާހަކަ ދައްކަމުންނެވެ.

މިއަދު ބޭއްވި އަޑުއެހުން ފެށުމާއެކު ހުމާމުގެ ވަކީލު އަބްދުﷲ ހަސީން ވަނީ ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ހަސީން ވިދާޅުވީ ހުމާމަކީ މާފުށީގައި ބަންދުގައި ހުންނަ މީހަކަށް ވުމާއި، ހުމާމާއި ދިމާވުމުގައްޔާއި މަޝްވަރާ ކުރުމުގައި ދަތިތަކެއް ހުރުމާއެކު ދައުވާ އަށް ޖަވާބުދާރީ ވުމަށް ޝަރީއަތުން މީގެ ކުރިން ދީފައިވާ 30 ދުވަހުގެ މުއްދަތުގައި އެކަށީގެންވާ މިންވަރަށް ތައްޔާރު ވެވިފައި ނުވާ ކަމަށެވެ.

މިއަދުގެ އަޑުއެހުންވެސް ފަނޑިޔާރުން ނިންމަވާލެއްވީ ދައުލަތުން ހުމާމްގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ޖަވާބުދިނުމަށް 10 ދުވަސް ދިނުމަށްފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް