މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައިވާގޮތަށް އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ރިފޯމް ޕްރޮގްރާމްތައް ތަންފީޒުކުރުން މުހިންމުކަމުގައި އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވަމުންގެންދަވާ މެންބަރު އަޒާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އަޒާން ވަނީ ބައެއް ތަފާސްހިސާބުތަކަށްވެސް ބައްލަވައިލައްވާފައެވެ.
އެގޮތުން 2025ގެ ބަޖެޓް ކޭޝްފްލޯ ޕްލޭނުގައި މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 9.1 ބިލިޔަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވީނަމަވެސް ލިބުނީ 5.5 ބިލިޔަންކަން ފާހަގަކުރައްވާފައިވެއެވެ. އެއީ އަންދާޒާ ކުރި އަދަދަށްވުރެ 3.6 ބިލިޔަން މަދު އަދަދެއްކަން ފާހަގަކުރައްވާފައިވެއެވެ.
"ހިލޭ އެހީގެ ގޮތުގައި 408 މިލިޔަން ލިބޭނެކަމަށް އަންދާޒާކޮށްފައިވީނަމަވެސް ލިބިފައިވަނީ 40 މިލިޔަން، އެއީ 90 އިންސައްތަ މަދު އަދަދެއް، ބޭރު ލޯނުގެ ގޮތުގައި 664 މިލިޔަން ލިބޭނެ ކަމަށް އަންދާޒާކޮށްފައިވީނަމަވެސް ލިބިފައިވަނީ 0.3 މިލިޔަން، އެއީ 99.95 އިންސައްތަ މަދު އަދަދެއް" އަޒާން ވިދާޅުވެފައިވެއެވެ.
އަޒާން މިހެން ވިދާޅުވެފައިމިވަނީ އެމްއެމްއޭ އިން ނުކިއްސަރު ގޮތަކަށް 16 ބިލިޔަން ރުފިޔާ ޗާޕުކުރަން އުޅޭކަމުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ ފައިސާ ޗާޕު ކުރަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ބަދަލުގައި ހަރަދުތައް ހުރިގޮތަށް ބަހައްޓައި ވަގުތީ ހައްލެއްގެ ގޮތުގައި ފައިސާ ޗާޕުކުރަން ސަރުކާރުން ވިސްނުން ގެންގުޅެނީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް