ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ހަތްދިހަ ތިންވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "މި ބޮލުގައާއި، ގައިގަ ރިއްސުން އެއްގޮތަކަށްވެސް ރަނގަޅެއްނުވޭ.... ނާޝިދުއަށްވެސް އެނގެއެއްނު ރަނގަޅެއްނުވޭކަން.... ހުމޭ ވާހަކައެއް އަހާލަންތަ....؟" ނާޝިދުއާ ދިމާއަށް ބަލަންއިނ...

13 Mar 2024 | 09:58

ކުރީގެ އަދަދާއި ގުޅޭ...

"މި ބޮލުގައާއި، ގައިގަ ރިއްސުން އެއްގޮތަކަށްވެސް ރަނގަޅެއްނުވޭ.... ނާޝިދުއަށްވެސް އެނގެއެއްނު ރަނގަޅެއްނުވޭކަން.... ހުމޭ ވާހަކައެއް އަހާލަންތަ....؟" ނާޝިދުއާ ދިމާއަށް ބަލަންއިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.

"ނޫން... އަހާނެ ކަމެއް ނެތް....! އަހަންނަށް އެނގޭ ހުމޭ އަހަން ތިއުޅެނީ ކޮންވާހަކައެއްކަން.... ހުމޭ ތިވާހަކަ ކޮންމެހެން އަހާކަށް ނުޖެހޭނެ.... ހުމޭ ނޭހިޔަސް އަހަރެން ތިވާހަކަ ކިޔައިދޭން މިހާރު ބޭނުން.... އެނޫން އިތުރު އެހެން އެއްވެސް ގޮތެއް އޮތްހެނެއް މިހާރަކު ހީއެއްނުވޭ.... ! ހުމޭ ބޭބީ ނިންދަވާފައި ބޭރު ޖޯއްޔަށް އާދޭ.... އަހަރެން ޖޯލީގައި ހުމޭ އަށް އިންތިޒާރު ކުރާނަން...." މޭގައި އަތްއަޅައިގެން ރޮވިފައިހުރެ ނާޝިދު ބުނެލިއެވެ.

ނާޝިދު މިހެން ބުނުމަށްފަހު އިސްޖަހައިގެން ހުރެ މަޑުމަޑުން ހިނގާފައި ކޮޓަރިން ބޭރަށް ނުކުތެވެ. ހުމޭދާވެސް ބޭބީ ނިދުމާއެކު ބޭބީ އެނދުގައި ބޭއްވުމަށްފަހު ބޭރަށް ނުކުތެވެ. ރެއަކީ ކުޑަކޮށް ވިއްސާރަ ރެއަކަށްވެފައި ގޯތިތެރޭގައި ހެދިފައިވާ ބިޔަ ގަސްތަކުގެ ސަބަބުން ގޯތިތެރެ ފެންނަނީ ވަރަށް އަނދިރި ކޮށެވެ. ހުމޭދާ ގޯތި ތެރެއަށް ނުކުތްއިރު ނާޝިދު ޖޯލިފަތި ކައިރީގައި ހުމޭދާއަށް ފުރަގަސްވާގޮތަށް ހަށަން ބަނދެލައިގެން މަޑުމަޑުން ކޮޅަށް ހުއްޓެވެ.

"ނާޝިދު...! ކިހިނެތްވެފަ ތިހިރީ...؟ ކީއްވެ ތިތާ ފުރަގަސް ދީގެން ކޮޅަށް ތިހިރީ.... އާދެބަލަ މިތާ އިށީންނަން...." ހުމޭދާ އައިސް ޖޯލިފަތީގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

ހުމޭދާގެ އަޑު އިވުމާއެކު ނާޝިދު އެނބުރި ހުމޭދާއަށް ބަލާލިއެވެ. ނާޝިދުގެ މޫނުމަތީން ފެންނަނީ ހާސްކަމާއި ނުތަނަވަސް ކަމެވެ.

"އައްދޭ.... ހާދަ ހާސްވެފަ....؟ ކިހިނެތްވީ އަނެއްކާ....؟ އާދެބަލަ މިތާ އިށީންނަން...." ނާޝިދު އާ ދިމާއަށް ބަލަން އިނދެ ހުމޭދާ ބުނެލިއެވެ.

ނާޝިދު އިސްދަށަށް ޖަހައިގެންހުރެ މަޑުމަޑުން ހިނގާފައިގޮސް ހުމޭދާ އާއި ޖެހިގެން ހުރި ޖޯލީގައި އިށީނދެ ހުމޭދާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ހުމޭދާގެ އަތުގައި ހިފާލުމަށްފަހު އެއަތް ނަގާ ނާޝިދުގެ މޭގައި ޖައްސާލިއެވެ. އޭރު ނާޝިދުގެ ދެލޮލުންވަނީ ކަރުނަ އައިސްފައެވެ.

"ނާޝިދު.... ނާޝިދު... ކިހިނެތްވީ...؟ ކީއްވެ ރޮނީ... ބުނެބަލަ....! އަނެއްކާ ކަމެއް ގޯސްވީތަ...؟ ހާދަ ހާސްވެފަ....! ތި ވެގެން އުޅޭގޮތެއް ހުމޭ ކައިރީގައި ބުނެބަލަ...! ކިހިނެތް ވީތަ...؟ ނާޝިދުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލަމުން ހުމޭދާ ސުވާލު ކުރިއެވެ.

"ނާޝިދު.... ނާޝިދު... ހުމޭ ދެކެ ވަރަށް ލޯބިވޭ....! މި ދުނިޔޭގައިވެސް ނާޝިދު އެންމެ ލޯބިވާ މީހަކީ ހުމޭ... ނާޝިދުގެ މިހިތް އަބަދުވެސް ތެޅެނީ ހުމޭއަށްޓަކައި....! އެކަމަކު ކުރާނީ ކީތް... ހިޔެއްނުވެ ދެން މާގިނަ ދުވަހަކު...." ނާޝިދު ދައްކަން އުޅުނު ވާހަކަ މެދުކަނޑާލީ ހުމޭދާ އެވެ.

"ނާޝިދު... ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ....؟ ކިހިނެތް ވެގެންތަ ތިއުޅެނީ....؟ ހުމޭ ވަރަށް ކަންބޮޑުވޭ އެބަ...! ބުނެބަލަ ކިހިނެތްވީތާ...؟ ނާޝިދުގެ މޫނަށް ބަލަހައްޓައިގެން އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.

"ހުމޭ... ހުމޭ... ނާޝިދު އަކަށް ހީއެއްނުވެ ދެން.... ދެން މާގިނަ ދުވަހަކު އަހަރުމެން ދެމީހުނަށް އެއްކޮށް އުޅެވިދާނެ ހެނެއް... ހުމޭ... ނާޝިދުއަށް ހުމޭއާ ވަކިން ދިރިއެއް ނޫޅެވޭނެ.... ނާޝިދު ހުމޭ ދެކެ ވަރަށް ލޯބިވޭ.... ހުމޭ ނާޝިދު އާ ވަކި ނުވައްޗޭ...." ނާޝިދުގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

"ނާޝިދު... ވެގެން ތިއުޅޭގޮތެއް ބުނެބަލަ... ހުމޭ ނޫޅެމޭ ނާޝިދު އާއި ވަކިވާކަށް... ހުމޭއަކަށްވެސް ނާޝިދު އާއި ވަކިން ދިރިއެއް ނޫޅެވޭނެއޭ.... ކިހިނެތް ވެގެންތަ ތިއުޅެނީ.... ނުރޮއި ބުނެބަލަ...! ޕްލީޒް...! ނާޝިދުގެ ކަރުނަތައް ފޮހެދެމުން ހުމޭދާ ވާހަކަ ދެއްކިއެވެ.

"ނާޝިދުއަށް ފުރަތަމަ ހުމޭ ފެނުނީ ހުމޭ ކުޑައިރު.... އޭރުންސުރެ ނާޝިދު ހުމޭދެކެ ވަރަށް ލޯބިވޭ..." ހުމޭދާގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.

"ކުޑައިރޭ... އޭރުންސުރެ ނާޝިދު ހުމޭއަށް ފާރަލަންތަ...؟ ހުމޭ ހީކުރީ ކޮލެޖުންކަމަށް ފުރަތަމަވެސް ދެމީހުން ދިމާވީ.... ހަމަ ގައިމުވެސް ހުމޭއަށް ނާޝިދު އިނގެންފެށީ ކޮލެޖުގައި އުޅުނުއިރު...." ހުމޭދާ އަނެއްކާވެސް ނާޝިދުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދެމުން ވާހަކަ ދެއްކިއެވެ.

"އާނ.... ކުޑައިރު.... ހުމޭއަށް ކޮލެޖުން ދިމާވެގެން ތިއުޅޭ ނާޝިދެއް ނޫނޭ މިއީ.... އެކަމަކު އަހަރެން ހުމޭ ދެކެ ވަރަށްބޮޑަށް ލޯބިވޭ.... ހުމޭ... އަހަރެން...." ނާޝިދު ބުނަން އުޅުނު ޖުމްލަ މެދުކަނޑާލީ ހުމޭދާ އެވެ.

"ނާޝިދު ތި ދައްކާ ވާހަކައެއް ހުމޭއަކަށް ނޭނގެ.... ކީކޭތަ ތިކިޔަނީ....؟" ނާޝިދު އާ ދިމާއަށް ބަލަންއިނދެ ހުމޭދާ ބުނެލިއެވެ.

"ހުމޭ... ހުމޭ.. މިއީ އަސްލު ހުމޭ ތި ހީކުރާ ނާޝިދެއް ނޫނޭ.... އަހަންނަކަށް ނޭނގެ މިވާހަކަ ދައްކާނެ ގޮތެއްވެސް...." އަނެއްފަރާތައް އެނބުރިލަމުން ނާޝިދު ބުނެލިއެވެ.

"ނާޝިދު ކީކޭތަ ތިކިޔަނީ....؟ ކިހިނެތް ވެގެން ތިއުޅެނީ...." ހާސްވެފައި އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.

"ހުމޭ ... ހުމޭ... މަ މީ ނާޝިދެއް ނޫނޭ... މިހާ ގިނަދުވަހު ހުމޭއަށް އޮޅުވާލައިގެން އުޅެވުނީމަ ވަރަށް ބޮޑަށް ސޮރީ... މިހެންވާން ޖެހުނީ ހުމޭދެކެ އަހަރެން ލޯބިވާތީ.... އަހަންނަށް އިތުރު އެއްވެސް ގޮތެއް ނެތިގެން...." އަނެއް ފަރާތަށް ބަލަން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.

"ތިއީ ނާޝިދު ނޫނިއްޔާ ދެން ތީކާކު....؟" ހުމޭދާ ޙައިރާންވެފައި އިނދެ ވާހަކަ ދެއްކިއެވެ.

"ހުމޭ.... ހުމޭ... އަހަރެން.... އަހަރެން..... އަހަރެން މިއީ އިންސާނެއް ނޫނޭ ބުނެފިއްޔާޔޯ...." ހުމޭދާއާއި ދިމާއަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.

ނާޝިދަށް ދޭނެ ޖަވާބެއް ހުމޭދާއަކަށް ނޭނގުނެވެ. ހުމޭދާ ފެންކަޅިވެފައި ނާޝިދުގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

"ނާޝިދު ސަމާސަ ނުކޮށްބަލަ....! މިއީ ސަމާސަ ކުރާ ވަގުތެއް ނޫނެއްނު.... ބުނެބަލަ ތި ވެގެން އުޅޭގޮތެއް...." ހުމޭދާ، ނާޝިދުގެ މޫނަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ.

"ހުމޭ... ނާޝިދު ސުވާލެއް ކޮށްލަންތަ....؟ ހުމޭދާއާ ދިމާއަށް ބަލަންއިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.

"ސުވާލުކޮށްލަބަލަ....!" ނާޝިދު ކުރި ސުވާލަށް ހުމޭދާ ޖަވާބު ދިނެވެ.

"ހުމޭ.... ނާޝިދުއަށް ހީވަނީ އަހަރުމެން ދެމީހުން ވަކިވާންޖެހޭ ވަގުތު ވަރަށް ކައިރިވެއްޖެހެން.... ހުމޭ ބޭނުންތަ ނާޝިދު އާ ވަކިވާން.... ވިސްނާފަ ޖަވާބު ދެއްޗޭ...." ހުމޭދާގެ ލޮލަށް ބަލަހައްޓައިގެން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.

"ފުރަތަމަ އަހަރެންގެ ސުވާލަށް ނާޝިދު ޖަވާބު ދީބަލަ....! ކިހިނެތް ވެގެންތަ ތިއުޅެނީ....؟" ވެގެން އުޅޭގޮތް ސާފުކުރުމަށްޓަކައި ހުމޭދާ އަނެއްކާވެސް ސުވާލު ކުރިއެވެ.

"ހުމޭ.... އަހަންނަކީ.... އަހަންނަކީ.... އިންސާނެއް ނޫނޭ...." ޖޯލިން ތެދުވެގެން މަޑުމަޑުން އެއްފަރާތަކަށް ހިނގާލުމަށްފަހު ހުމޭދާއަށް ފުރަގަސްދީގެންހުރެ ނާޝިދު ވާހަކަ ދެއްކިއެވެ.

"ކީކޭ.... ކީކޭ.... ނާޝިދު ތިއީ....." ހުމޭދާ ސިހިފައި ޖޯލިން ތެދުވެ މަޑުމަޑުން ފަހަތަށް ޖެހިލިއެވެ.

"އާނ... އަހަރެން މިއީ އިންސާނެއްނޫން..... އެކަމަކު އިންސާނުންދެކެ ލޯބިވާ މީހެއް.... ހުމޭ ދެކެ އިންތިހާއަށް ލޯބިވާ މީހެއް...." ނާޝިދު ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

ހުމޭދާ މަޑުމަޑުން ފަހަތަށް ޖެހުމުން ދިޔައެވެ.

"ހުމޭ.... އަހަރެން ދޫކޮށްލާފަ ތިހެން ނުދޭ.... ޕްލީސް.... ހުމޭ ބުނީމެއްނު ދުވަހަކުވެސް އަހަރެން ދޫކޮށެއް ނުލާނަމޭ....! ޕްލީސް ހުމޭ..." ގިސްލަމުން ހުރެ ނާޝިދު ވާހަކަ ދެއްކިއެވެ.

"ކީއްވެ ތިހާބޮޑު ލަނޑެއް ހުމޭއަށް ތިދިނީ...." ހުމޭދާ މަޑުމަޑުން ވާހަކަ ދެއްކިއެވެ.

"ހުމޭ ތިހެން ނުބެނޭ.... އަހަރެން ހުމޭދެކެ ވަރަށް ލޯބިވޭ.... އަހަރެން އިންސާނަކަށް ނުވިނަމަވެސް އެކަމުގެ ސަބަބުން ހުމޭއަށް އެއްވެސް ކަމެއް އުންޏެއް ނުވެއެއްނު.... އަހަރެން ހުމޭ ދެކެ އިންތިހާއަށް ލޯބިވޭ... ހުމޭ ފުރަތަމަ އަހަންނަށް ފެނުނީ ހުމޭ ކުޑައިރު.... އޭރު އަހަރެންވެސް ކުޑަ.... އަހަރެން އިނީ ހުމޭ މެންގޭގެ ގިފިލީގައި ހުރި ކެޔޮފީނި ތެރޭ ކެޔޮ ފަތެއްގެ މަތީގައި.... އިރުއޮއްސުނު ވަގުތު ހުމޭ ފެންވަރަން ގިފިއްޔަށްވަނީ.... ހުމޭ ފުތަރަމަ ފެނުމާއެކު ވެސް އަހަންނަށް ހުމޭ ދެކެ ލޯބި ވެވިއްޖެ. ހުމޭ ފެނިގެން އަހަރެން ކެޔޮފީނި ތެރެއިން ނުކުމެގެން ހުމޭ ކައިރިއަށް އައިން... ހުމޭއާ ކުޑަކޮން ސަމާސަވެސް ކޮށްލިން.... ހުމޭއަށް އަހަރެން ފެނިގެން ހަޅޭއްލަވައިގަތީ.... ހުމޭގެ މަންމަ އެއަޑަށް އައިސް ގިފިއްޔަށް ވަނީ.... ހުމޭ ހަނދާން ހުންނާނެހެން ހީވަނީ...." ނާޝިދު ހުމޭއާ ފުރަތަމަ ދިމާވިގޮތް ކިޔައިދިނެވެ.

ހުމޭދާ މަޑުމަޑުން ނާޝިދު އާ ދިމާއަށް ބަލާލިއެވެ.

"ތިއީ ނާޝިދު ނުނިއްޔާ ދެން ކޮބާ ނާޝިދު....؟" ހުމޭދާ ސުވާލު ކުރިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 15 މާރިޗް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް