ލ.އަތޮޅު ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލްގެ އިސް ދަރިވަރުން އެ ސްކޫލަށް ހަތަރު ސްމާޓް ޓީވީ ހަދިޔާކޮށްފިއެވެ.
ހަމަދު ސްކޫލުގެ އިސްދަރިވަރުންގެ ފަރާތުން ހަދިޔާކުރި މި ޓީވީތައް ހަވާލުކުރުން އޮތީ ހަމަދު ސްކޫލަށް 25 އަހަރު ފުރުމުގެ ގޮތުން މި މަހުގެ 12 ވަނަ ދުވަހު އެ ސްކޫލުގެ އެސެމްބްލީ ހޯލުގައި މިކަމަށް ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އެ ސްކޫލުގެ ޕްރިންސިޕަލް އާއި ބައެއް ލީޑިން ޓީޗަރުން ބައިވެރިވިއިރު، ސްކޫލުގެ އިސް ދަރިވަރުން ހަދިޔާ ކުރި މި ޓީވީ ތަކާއި ސްކޫލުގެ ފަރާތުން ހަވާލުވީ ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލްގެ ޕްރިންސިޕަލް ޝައުކަތު ލަތީފްއެވެ.
ސްމާޓް ޓީވީ ހަދިޔާ ކުރުމުގައި އިސްދަރިވަރުންގެ ތެރެއިން އިސްކޮށް ހުންނެވި ހިދާޔަތުﷲ ޝަރީފް ދުވަސްއަށް މައުލޫމާތު ދެމުން ވިދާޅުވީ ހަމަދު ސްކޫލުގެ ކްލާސް ރޫމްތައް ޒަމާނީ ފެންވަރަށް ޑިގިޓަލައިޒް ކުރުމުގެ މަސައްކަތް ވަރަށް ކުރިންސުރެ ކުރެވެމުން އަންނަ ކަމަށާއި އެގޮތުން އެކަމަށް އެހީތެރިވުމުގެ ގޮތުން ހަމަދު ސްކޫލުގެ އިސްދަރިވަރުންތަކެއް އިސްނަގައިގެން ފަންޑް ހޯދައިގެން ހަތަރު ޓީވީ ގަނެ ސްކޫލަށް ހަދިޔާ ކުރީ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަދު ސްކޫލުގެ ހުރިހާ ކްލާސް ރޫމްތަކެއް ވެސް ޒަމާނީ ފެންވަރަށް ޑިޖިޓަލައިޒް ކޮށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" ސްމާޓް ހަތަރު ޓީވީ އަކީ ސްކޫލުގެ ގިނަ އަދަދެއްގެ އިސްދަރިވަރުންތަކެއް ފަންޑް ރެއިސް ކޮށްގެން ގަނެ ސްކޫލަށް ހަދިޔާކުރި އެއްޗެއް. އެއީ ސްކޫލުން މިހާރުވެސް ދަނީ ކްލާސްރޫމްތައް ޒަމާނީ ފެންވަރަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން. އެހެންކަމުން އަންނަ އަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހަކީ ސްކޫލުގެ އަހަރީ ދުވަހަށް ވުމުން، އެދުވަހާއި ހަމައަށް ހުރިހާ ކްލާސްރޫތަކެއްވެސް ޑިޖިޓަލައިޒް ކޮށް ނިންމޭނެ ކަމަށް މި ބަލަނީ." ހިދާޔަތުﷲ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ހަމަދު ސްކޫލުގައި ޖުމުލަ 26 ކްލާސްރޫމް ހުންނައިރު، އޭގެތެރެއިން ފަސް ކަލާސްރޫމުގައި މިހާރު ޓީވީ ހަރުކުރެވިފައިވާ ކަމަށެވެ.
ހިދާޔަތުﷲ ވިދާޅުވީ ޓީވީތަށް ޑެލިވަރީ ކޮށްދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ، ލ. މާންދޫ ހޮރައިޒަން ފިޝަރީޒް އިން ކަމަށާއި އެހެން ކަމުން އެފަރާތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާކަމަށެވެ. އަދި މީގެ އިތުރުން އިސްދަރިވަރުންގެ ތެރެއިންް މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ފަރާތްތަކަށް ވަކިން ޚާއްޞަ ޝުކުރެއް އަދާކުރާކަމަށް ހިދާޔަތުﷲ ވިދާޅުވިއެވެ.
ލ.އަތޮޅު ގަމުގައި ހުންނަ ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލަކީ ގަތަރުގެ އެހީގައި 1998 ވަނަ އަހަރު ބިނާކޮށް ފެބްރުއަރީ 15 ގައި ކިޔަވައިދޭން ފެށުނު ސްކޫލެކެވެ. އެ ސްކޫލުގައި މިހާރުވެސް 678 ދަރިވަރުން ތަޢުލީމު ހާސިލް ކުރަމުން އެބަގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް