މިމަހު 26 ގައި ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ހަމަޖައްސައިފި އެވެ.
އެ އެއާޕޯޓަށް މިއަދު ހަވީރު ޓެސްޓު ފްލައިޓު ޖައްސާނެ އެވެ. ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ.
މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް "ދުވަސް"އަށް ވިދާޅުވީ ޓެސްޓު ފްލައިޓު ޖެއްސުމަށް ފަހު ޕްރޮމޯޝަނަލް ދެ ފްލައިޓު މިމަހުގެ 16 އާއި 19 ގައި ބާއްވާނެ ކަމަށެވެ. އެ ފްލައިޓުތަކަށް ބުކިން ހެއްދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ދުވަހުގެ ފްލައިޓުގެ ޓިކެޓުން 50 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އެ ދަތުރުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 1،574 ރުފިޔާ އެވެ.
ޝެޑިއުލް ދަތުރުތައް ފެށުމުން މޯލްޑިވިއަންއިން ފަރެސްމާތޮޑާ އެއްކޮޅު ޓިކެޓުގެ އަގަކީ 1،624 ރުފިޔާ އެވެ. ހަފްތާއަކު ދެ ދުވަހު އެ އެއާޕޯޓަށް މޯލްޑިވިއަންއިން ދަތުރު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް