ކުރިޔަށް އޮތް ރިޔާސީ އިންްތިހާބުގެ ވޯޓުލާ ދުވަހު ވޯޓު ފޮށިތައް އުކާލާ ހާލަތެއް އަތުވެދާނެތީ އިންތިހާބު އިންސާފުވެރި ރިޔާސީ އިންތިހާބަކަށް ހަދައި ދިނުމަށް މަހިނބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ގޮވާލައްވައިފި އެވެ.
އޭނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޓޮމް ވާހަކަ ދެއްކެވީ އިންތިހާބާއި ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުންނެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި ސުލްހަވެރި އިންތިހާބަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އީސީންވެސް ސަރުކާރުން ބުނާހާ ގޮތެއް ހަދައިގެން ނުވާނެ ކަމަށެވެ.
ޓޮމް ވިދާޅުވީ ސަރުކާރުން ބުނާގޮތެއް އީސީން އިންތިހާބުގައި ހަދާނަމަ ހަލަބޮލި އިންތިހާބަކަށް މި އިންތިހާބު ވާނެ ކަމަށެވެ. އޭރުން އެންމެ ފަހުން އެމްޑީޕީގޭ ރިޔާސީ ޕްރައިމަރީގައި ހެން ވޯޓު ފޮށިތައް ބަނދަރުން ހޮވާ ހިސާބަށް ދާނެ ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އިންތިހާބުގައި ޕިޕީއެމްއިން ދޫނުދޭނެ ކަމަށާއި ވޯޓު އޮޅުވާލުމުގެ ފުރުސަތުވެސް ނުދޭނެ ކަމަށެވެ. ޓޮމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެ ނަން ބަދަލުވާނެ ކަމަށް އުންމީދު ނުކުރަން އެދިވަޑައިގެންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް