ސަރުކާރުން ހަތަރު ރަށެއްގައި ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތައް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
އެމްޓީސީސީން މިއަދު ބުނީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަތަރު ރަށެއްގެ މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫޢުތަކުގެ ތެރޭގައި ހދ. ކުޅުދުއްފުށީ ޖެޓީ ބޮޑު ކުރުމާއި، ނ. ކެނދިކުޅުދޫގެ ބަނދަރު ބޮޑުކުރުމާއި، ކ. ހިންމަފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުން އަދި އއ. މަތިވެރީގެ ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެއެވެ.
އެމްޓީސީސީން ބުނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި ކަމަށެވެ.
ކުޅުދުއްފުށީ ޖެޓީ ބޮޑު ކުރުމުގެ މަޝްރޫޢުގެ ދަށުން، 1,531 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، ޓިމްބަރ ޖެޓީތައް ބޮޑުކުރުމާއި، ޖެޓީތަކުގެ ދެމެދުގައި ޓިމްބަރ ޕްލެޓްފޯރމްތައް ހަރުކުރުމާއި، އެއްގަމުތޮށި މަރާމާތު ކުރުމާއި، ފްލޯޓިންގް ޖެޓީގެ ސްޕަން ޕައިލް ބޮޑުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މި މަޝްރޫޢަކީ 12.10 މިލިއަން ރުފިޔާއަށް 250 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލު ކޮށްފައިވާ މަޝްރޫޢުއެކެވެ.
ކެނދިކުޅުދޫ ބަނދަރު ބޮޑު ކުރުމާއި ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫޢުގެ ދަށުން، 28,393 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 30,480 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 12,968 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 12,038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދުގެ ބޭސިން ފުންކުރުމާއި، 14,220 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަޙައްދުގެ ނެރު ފުންކުރުން ހިމެނެއެވެ. އަދި 368 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 246 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 249 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 1990 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ. މި މަޝްރޫޢަކީ 73.16 މިލިއަން ރުފިޔާއަށް 500 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ހިންމަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 53 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 127 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ. މި މަޝްރޫޢަކީ 10.93 މިލިއަން ރުފިޔާއަށް 180 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލު ކޮށްފައިވާ މަޝްރޫޢުއެކެވެ.
މީގެ އިތުރުން މަތިވެރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން މަޝްރޫޢުގެ ދަށުން، 54 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 483 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.
އަދި 111 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 17,800 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މި މަޝްރޫޢަކީ 23.04 މިލިއަން ރުފިޔާއަށް 240 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލު ކޮށްފައިވާ މަޝްރޫޢުއެކެވެ.
އެމްޓީސީސީގެ ފަރާތުން މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް