ދިޔަމިގިލި މާރާމާރީ ވީޑިއޯއިން ފެންނަނީ ފަސް ފަހަރު ވަޅި ހަރާފައި ހިތް ނުފުރިގެން ގޮސް އިތުރު ހަ ހަމަލާ ދޭ މަަންޒަރު

ތ. ދިޔަމިގިލީ މުދިމަށް މިއަދު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު އެ ހަމަލާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ. އެ ވީޑިއޯއިން ފެންނަނީ ހަތަރު އަނގޮޅި ކަންމައްޗެއްގައި، ހެނދުނު 09:...

13 Mar 2022 | 17:47

ތ. ދިޔަމިގިލީ މުދިމަށް މިއަދު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު އެ ހަމަލާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.

އެ ވީޑިއޯއިން ފެންނަނީ ހަތަރު އަނގޮޅި ކަންމައްޗެއްގައި، ހެނދުނު 09:50 ހާއިރު މުދިމު ބައިސްކަލެއްގައި އިން އިރު ކުރިމަތީގައި އިތުރު މީހަކު ވާހަކަދައްކަން ހުންނަ މަންޒަރެވެ. ބޮލުގައި ކޯރިއެއް އަޅައިގެން، ޕީޗް ކުލައިގެ ޓީޝާޓެއް ލައިގެން ޖިންސުބުރިއެއް ލައިގެން ހުރި އެ މީހާ ކުއްލިއަކަށް މުދިމަށް ހަމަލާ ދޭ މަންޒަރު ފެނިގެންދެއެވެ.

ހަމަލާދޭން ފެށުމާއެކު މުދިމު އެއް ފަރާތުން ފާރު ކައިރިއަށް ބައިސްކަލާއެކު ވެއްޓޭ މަންޒަރު ފެނެއެވެ. އެ ވަގުތު އަވަސް ހަރަކާތަކާއެކު މުދިމަށް ފަސް ފަހަރު ވަޅިން ހަމަލާ ދޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. ދެން ފެންނަނީ ކުޑަކޮށް ދުރަށް ޖެހިލާފައި އެނބުރި އައިސް އަނެއްކާ އިތުރު ހަ ފަހަރު ވަޅިން ހަމަލާދޭ މަންޒަރެވެ.

އެ ހަމަލާތައް ދިނުމަށްފަހު ވެއްޓިފައި އޮތް މުދިމަށް ބަލަމުން ކަހަލަގޮތަކަށް ދުރަށްގޮސް މަގުގެ އެއްފަރާތެއްގައި ކޮންމެވެސް އެއްޗެއް އަޅާފައި ހުރި ގޯންޏަކުން ވަޅީގައި ހުރި ލޭ ފޮހެލާ މަންޒަރު ފެނެއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ ހަމަލާ ދިން މީހާ މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ.

މުދިމަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އެ އަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށް ސިއްހީ މަރުކަޒުން ކުރިން ބުނެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް އެ ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނާގޮތުގައި މުދިމާއި، މުދިމަށް ހަމަލާ ދިން މީހާއަކީވެސް ވަރަށް ގާތް ދެ އެކުވެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް