މާސްކު ނާޅައި ސްކޫލްތަކަށް ދިއުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދީފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އާންމު ތަންތަނުގައި މާސްއެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. އެޗްޕީއޭއިން ނިންމި ގޮތުން މާސްކު އެޅުން މިހާރު މަޖުބޫރުވާނީ ކޯވިޑް ފެތުރޭ ނިސްބަތް 20 ޕަސެންޓަށްވުރެ މަތި ރަށްރަށުގައި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެޗްޕީއޭގެ މި ނިންމުމާއި އެކު ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާއިރު މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ނޫން ކަމަށެވެ. އެކަމަކު ކޯވިޑް ބަލި ފެތުރޭ ނިސްބަތް 20 ޕަސެންޓަށްވުރެ މަތީ ރަށްރަށުގެ ސްކޫލްތަކަށް ދަރިވަރުން ހާޒިރުވާން ޖެހޭނީ މާސްކު އަޅައިގެން ކަމަށް ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ މިގޮތަށް ނިންމި ނަމަވެސް ބެލެނިވެރިން ބޭނުން ނަމަ މަސްކު އަޅުވައިގެން ދަރިވަރުން ސްކޫލަށް ފޮނުވިދާނެ ކަމަށެވެ. ހަމަ އެގޮތަށް ހައިރިސްކު ކުދިން މާސްކު އަޅައިގެން ސްކޫލަށް ދިއުމަކީ އެދެވިގެންވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ މާސްކު ނާޅާ ސްކޫލަށް ވަދެވޭގޮތަށް ހަމަޖެއްސިޔަސް ރައްކާތެރިކަމުގެ ގޮތުން އަދިވެސް ފިޔަވަޅުތަކެއް އެޅިފައި ހުންނާނެ ކަމަށެވެ. އެގޮތުން ސްކޫލްތަކަށް ވަންނަ އިރު ހުން ބެލުމާއި ގިނަ ގިނައިން އަތް ދޮވުންފަދަ ކަންތައްތައް ކުރިޔަށް ދާނެ ކަމަށް އެޑިއުކޭޝަންގެ ބަޔާނުގައި ވެ އެވެ.
އާންމުތަންތަނުގައި މާސްކު އެޅުމުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައިއިރު މީގެ ދެ އަހަރު ކުރިން ރާއްޖޭގައި އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް މިރޭ ވަނީ އުވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް