ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި އެވެ.
މިކަން އިއުލާނު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްވި ހިތޯބުގައި އެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ 2020 ވަނަ އަހަރުގެ މާޗް 12 ވަނަ ދުވަހު އެވެ.
ސިއްހީ ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާން ކުރައްވަމުން ރައީސް މިރޭ ވިދާޅުވީ، މިދިޔަ ދެ އަހަރު ތެރޭގައި ކޯވިޑްގެ އަސަރު ސީދާގޮތުންނާއި ނުސީދާގޮތުން ނުކުރާ އެންމެ އާއިލާއެއް ވެސް ރާއްޖޭގައި ނެތް ކަމަށެވެ. އެ ބަލީގެ ސީދާ އުނދަގޫ ތަހައްމަލުކުރާ އެތައް ބަޔަކު މިހާރު ވެސް ދިވެހިންގެ ތެރޭގައި އެބަތިބި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކޯވިޑްގެ ވަބާގެ ހާލަތަށް އިޖާބަދީ ރާއްޖެ އިން ވެސް މިހާރު އަމާޒު ހިފާފައި ވަނީ ބަލީގެ ނުރައްކާ ބޮޑު މީހުން ރައްކާތެރިކުރުމަށާއި އެނދުމަތި ކުރަންޖެހޭ މީހުންނާއި މަރުވާ މީހުންގެ ނިސްބަތް މަދުކުރުމަށް ކަމަށެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ދޭންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ މިންވަރަށް ބަލީގެ ހާލަތު ބަލަހައްޓަމުން ގެންދިއުމަށް އިސްކަން ދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ގިނަ ގައުމުތަކުން އަދިވެސް ބަލަނީ ކޯވިޑަކީ ވަބާއެއްގެ ގޮތުގައި ކަމަށެވެ. ބަލީގެ އާ ވައިރަހެއް އުފެދިއްޖެ ނަމަ އެ ކަމަށް ރިއާޔަތްކޮށް ފިޔަވަޅު އަޅަން ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެހެންވެ ރާއްޖޭގައި ފެތުރެނީ ކޯވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއް ދެނެގަތުމަށް ގަވައިދުން ޖެނެޓިކް ސީކުއެންސް ޓެސްޓް ހަދާނެ ނިޒާމު މިހާރު ގާއިމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިމަގުގައި ކޯވިޑް-19 އަށް އިޖާބަ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޓެޖީ އާއި އެކްޝަން ޕްލޭނެއް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅުއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް