އަނބިމީހާއަށް ވަޅިން ހަމަލާދިން މައްސަލާގައި އިންޑިއާގެ މީހާއަށް ދައުވާކޮށްފި

ވަޅިން ހަމަލާދީ އަނބިމީހާ އަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާއަށް ދައުވާ އުފުލައިފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، މިއަހަރުގެ ފެބްރުއަރީ 2 ވަނަ ދުވަހު އިންޑ...

13 Mar 2022 | 08:07

ވަޅިން ހަމަލާދީ އަނބިމީހާ އަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާއަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، މިއަހަރުގެ ފެބްރުއަރީ 2 ވަނަ ދުވަހު އިންޑިއާ ރައްޔިތެއްކަމަށްވާ ޢުމުރުން 37 އަހަރުގެ ސްރިނިވަސަން ސުބްރަމަނި، މާލޭ ގެއެއްގެ ތެރޭގައި، އޭނާގެ އަނބިމީހާއަށް ވަޅިން ހަމަލާދިން މައްސަލައިގައި، ދައުވާ އުފުލާފައިވާކަމަށެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ކުރުމަށާއި، މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން ބުނީ އޭނާ ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުގައިކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބަންދު އަޑުއެހުމުގައި އޭނާ ޝަރީޢަތް ނިމެންދެން ބަންދުކޮށްދޭން ދައުލަތުން އެދުނުކަމަށާއި ނަމަވެސް ކޯޓުން ބަންދަށް ދެއްވީ 10 ދުވަސްކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި އޭގެ ފަހުން އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރުމާމެދު މައްސަލަ ގޮތެއް ނިންމަވާނެކަމަށް މައްސަލަ ބައްލަވާ ޤާޟީ ވިދާޅުވެފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

އިންޑިއާގެ މި އަންހެންމީހާ އަށް ވަޅިން ހަމަލާދީފައިވަނީ މިދިޔަ މަހުގެ ދެވަނަ ދުވަހުއެވެ. އެ އަންހެން މީހާއަށް ހަމާލާދީފައިވަނިކޮށް ފެންނަ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން އަންހެންމީހާގެ ހެދުން ވަނީ ގިނަ އަދަދެއްގެ ލެއިން ފޯވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް