ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ރަށު މާރުކޭޓުން 12 ގޮޅި ކުއްޔަށް ދޫކުރުމަށް މާދަމާއަށް ހުޅުވާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ ގޮޅިތަކަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ މާދަމާ ހެނދުނު 9:00 އާއި 11:00 ދެމެދުގެ ވަގުތެއްގައެވެ. ފޯމުތައް ބަލައިގަންނަން ހާއްސަ ޑެސްކެއް ރެހެންދި ސްކޫލް ހޯލުގައި އެޗްޑީސީން ބަހައްޓާނެއެވެ.
އެޗްޑީސީން ބުނީ ގޮޅިތައް ދޫކުރާނީ ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށެވެ. ގުރުއަތު ނަގާނީ ހަމަ އެ ދުވަހުގެ މެންދުރު 11:30ގައިކަމަށް އެޗްޑީސީން ބުނެއެވެ.
ގޮޅިއަށް އެދި ފޯމު ހުށަހަޅާއިރު، ފޯމާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ގޮޅިތައް ކުއްޔަށް ދޫކުރަން އެޗްޑީސީން ނިންމާފައިވަނީ މަހަކު 3500 ރުފިޔާއަށް 3 މަސްދުވަހުގެ މުއްދަތަކަށެވެ.
ރަށުމާރުކޭޓަށް އެދި ހުށަހަޅާ ފޯމު އެޗްޑީސީގެ ވެބްސަޓުން ޑައުންލޯޑުކުރެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް