ރަޖިސްޓްރީ ނުކޮށް ޓްރެވަލް އެޖެންސީއެއް ހިންގި އަންހެނަކު ކްލަޔަންޓުންގެ މިލިޔަނެއްހާ ޑޮލަރު ހިފައިގެން ފިލައިފިއެވެ.
ތަސްނީމް މޫސާ ނަމަކަށްކިޔާ އެ އަންހެން މީހާ ނިސްބަތްވަނީ ދެކުނު އެފްރިކާއަށް ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި އޭނަ ހިންގި ކުންފުނީގެ ނަަމަކީ "ހެލޯ ޑާލިންގްސް" ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ތަސްނީމް މޫސާއާއި ދެކޮޅަށް 200 އަށްވުރެ ގިނަ ކޭސް މިހާރު ދެކުނު އެފްރިކާގެ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާއިރު ތަސްނީމް ވަނީ އޭނާގެ ސޯޝަލް މީޑީއާ އެކައުންޓްތަކާއި އެކަމަށް ބޭނުންކުރި ވެބްސައިޓްވެސް ބްލޮކްކޮށްލާފައެވެެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތަސްނީމް އެކަން ކުރިއަށްގެންދިޔަ ގޮތަކީ ފުރަތަމަ ދެތިންމަސް ދުވަހު ބައެއް މަޝްހޫރު ތަރިންނަށް ޓްރެވަލް ޕެކޭޖަސް ހެޔޮ އަގުގައި ވިއްކާ، އެ ކުންފުނި ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި އިސްތިހާރުކޮށް އެތައް ބައިވަރު ޕެކޭޖެއް ވިއްކުމަށްފަހު ކުއްލިއަކަށް ހުރިހާ ފައިސާއެއް ހިފައިގެން ފިލައިގެންނެވެ.
ތަސްނީމް މޫސާ ހޯދުމުގެ މަސައްކަތް ދެކުނު އެފްރިކާގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނައިރު އޭނާ ވަނީ ފިލާހުރެ ސޯޝަލް މީޑިއާއަށް ސްޓޭޓްމަންޓެއް ދޫކޮށްފައެވެ. އެ ސްޓޭޓްމަންޓްގައި ތަސްނީމް ބުނެފައިވަނީ އޭނާ ބަޔަކަށް ލަނޑުދީފައި ފިލީކީ ނޫން ކަމަށާއި ވިޔަފާރި ފެއިލްވީ ކަމަށެވެ.
ތަސްނީމްގެ ކުންފުނި، ހެލޯ ޑާލިންގްސް އިން މައިގަނޑުގޮތެއްގައި ވިއްކަމުންދިޔައީ ރާއްޖޭގެ، ފަތުރުވެރިކަމުގެ ތަފާތު ޕެކޭޖުތަކެވެ.
ތަސްނީމް މިލިއަނެއްހާ ޑޮލަރާއެކު ފިލާފައިވާއިރު ދެކުނު އެފްރިކާގެ މީޑިއާއިން ސިފަކުރަނީ ތަސްނީމަކީ ހޮލިޑޭ ސްވިންޑްލާއެއްގެ ގޮތުގައެވެ. މި ނަން ދީފައިއެވަނީ ނެޓްފްލިކްސްގެ ޑޮކިއުމެންޓްރީ ޓިންޑަރ ސްވިންޑްލާއާއި ގުޅުވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް