ޔަމަނުގައި ހިނގަމުން އަންނަ ދާހިލީ ހަނގުރާމައިގާ މި އަހަރުގެ ފުރަތަަމަ ދެ މަހުގައި އެކަނި 47 ކުޑަކުއްޖަކު މަރު ނޫނީ ބޮޑު ޒަޚަމަކުން ޒަޚަމްވެފައިވާކަމަށް އދ ގެ ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ޖަމިއްޔާ ޔުނިސެފުން ބުނެފިއެވެ.
ޔުނިސެފުން އިއްޔެ ބުނެފައިވަނީ ހަތް އަހަރުވެފައިވާ މި ދާހިލީ ހަނގުރާމައިގާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ގެއްލުމެއް ލިބެމުން އަންނަނީ ކުޑަކުދިންނަށް ކަމަށެވެ. އެގޮތުން 2015 އިން ފެށިގެން މިހާތަނަށް ދިހަ ހާހަށްވުރެ ގިނަ ކުޑަކުދިން، ދާހިލީ މި ހަނގުރާމައިގެ ސަބަބުން މަރުވެގޮސްފައިވާކަމަށް ޔުނިސެފުން ބުނެފައިވެއެވެ.
2015އިން ފެށިގެން ކުރިއަށްދާ ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމު ވީރާނާވަމުން އަންނައިރު އަސާސީ ހިދުމަތްތައް، ހާއްސަގޮތެއްގައި ސްކޫލުތަކާއި ސިއްހީ ހިދުމަތުން ކުޑަކުދިން މަހްރޫމްވެފައިވާކަން ޔުނިސެފުން، ކަންބޮޑުވުމާއެކު ފާހަގަކުރެއެވެ.
ޔަމަނުގައި ދާހިލީ ހަނގުރާމަ ހިނގަމުން އެ އަންނަނީ ސަރުކާރާއި ދެކޮޅަށް އީރާނުގެ ތާއީދާއެކު ހަނގުރާމަކުރަމުން އަންނަ ހޫތީންނާއި ދެމެދުގައެވެެ.
ޔުނިސެފުން އިތުރަށް ފާހަގަކޮށްފައިވާގޮތުގައި ޔަމަނުގެ 2500 އަށްވުރެ ގިނަ ސްކޫލު ބޭނުމެއް ނުކުރެއެވެ. ބައެއް ސްކޫލުތައް ހަމަލާތަކުގައި ވީރާނާވެފައިވާއިރު ބައެއް ސްކޫލުތައް ބޭނުންކުރަމުން އަންނަނީ ހަނގުރާމަވެރިންގެ ބޭނުމަށެވެ. އަދި ބައެއް ސްކޫލުތައް ބޭނުންކުރަމުން އަންނަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރެފިއުޖީ ކޭމްޕުތަކުގެ ގޮތުގައެވެ.
އދ ގެ ސެކިއުރިޓީ ކައުންސިލުން އެންމެފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަނަވަރީ 2020 އިން ފެށިގެން މެއި 2021 އާއި ދެމެދު، ހަނގުރާމައިގެ މައިދާނުގައި އެކަނިވެސް 2000 އަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވެއެވެ. އެ ކުޑަކުދިންނަކީ ހަނގުރާމައިގެ މައިދާނަށް ހޫތީން، ތަމްރީނުކޮށް ނެރޭ ކުޑަކުދިންކަމަށް އެ ކައުންސިލުން ތުހުމަތު ކުރެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް