ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީން ޕްރޮޖެކްޓް ސައިޓް މިއަދު މޮބިލަޒިޒް ކޮށްފިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މި ކުންފުންޏާއި ހަވާލުކޮށްފާއިވާ މި މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީން މައުލޫމާތުދޭގޮތުގައި މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65،170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި،421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 350 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
އެމްޓީސީސީއަކީ އެއްވަގުތެއްގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫޢުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ކުންފުންޏަށް ދިމާވާ ތަފާތު ގޮންޖެހުންތަކާއިއެކުވެސް، ކުންފުނީގެ އަމާޒަކީ ނިންމަން ކަނޑައަޅާފައި އޮންނަ މުއްދަތަށް މަޝްރޫޢުތައް ނިންމުމެވެ. މިގޮތުން އެމްޓީސީސީގެ 40 އަހަރުގެ ދިގު މާޒީގައި އެންމެ ގިނަ މަޝްރޫޢުތައް ނިންމި އަހަރަކީ 2020 ވަނަ އަހަރެވެ .އަދި މިހިނގާ 2021 ވަނަ އަހަރަކީވެސް ގިނަ މަޝްރޫޢުތަކެއް ނިންމާ ކާމިޔާބު އަހަރަކަށް ހެދުމަކީ ކުންފުނީގެ އަމާޒު ކަމުގައި އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް