އިއްޔެ އިދިކޮޅުން ކުރި މުޒާހަރާއިން ހައްރުކުރި 25 މީހުންވެސް ދޫކޮށްލައިފި

އިއްޔެ އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއިން ހައްރުކުރި 25 މީހުންވެސް ދޫކޮށްލައިފިއެވެ. ފުލުހުން ބުނެފައިވަނީ އެ އެންމެން ވެސް ދޫކޮށްލާފައި ވަނީ، އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފު ވެފައިވާތީ، ޖޫރިމަނާ ...

13 Mar 2021 | 09:30

އިއްޔެ އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއިން ހައްރުކުރި 25 މީހުންވެސް ދޫކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވަނީ އެ އެންމެން ވެސް ދޫކޮށްލާފައި ވަނީ، އެޗްޕީއޭގެ ގައިޑްލައިންއާ ޚިލާފު ވެފައިވާތީ، ޖޫރިމަނާ ކުރުމަށްފަހުގައި ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކޮންމެ ހުކުރު ދުވަހު ސިލްސިލާކޮށް މުޒާހަރާ ކުރަމުން ދަނީ “މަގޭ ފްލެޓު ކޮބާ” ގެ ނަމުގައިއެވެ. އިއްޔެވެސް މާލޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކޮށްފައިވެ އެވެ.

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއިން 38 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ ދުވަހު ހައްޔަރު ކުރި މީހުން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން ޖޫރިމަނާ ކުރުމުގެ އިތުރުން އެމީހުން ކޯވިޑަށް ޓެސްޓު ކުރަން ފުލުހުން މަސައްކަތް ކުރިއެވެ.

ފުލުހުން ބުނީ ހައްޔަރު ކުރި އެންމެން ސާމްޕަލް ދޭން ދެކޮޅު ހެދުމުން ކޯވިޑަށް ޓެސްޓުކޮށްފައި ނުވާނެ ކަމަށެވެ. އެ ދުވަހު އެމީހުން ކޯވިޑަށް ޓެސްޓު ކުރަން މަސައްކަތް ކުރީ ގިނަ އަދަދެއްގެ ފުލުހުންނާއި ކޮންޓެކްޓު ވުމުގެ އިތުރުން ޕޮލިސް ކަސްޓޯޑިއަލް (އަތޮޅުވެހި) އަކީ ގިނަ ބަޔަކު ބަލަހައްޓާ ތަނަކަށް ވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެދުވަހު ފުލުހުން ބުންޏެވެ.

އިދިކޮޅުން ކޮންމެ ހުކުރު ދުވަހު މުޒާހަރާ ކުރަމުންދަނީ ފުލުހުންގެ އިންޒާރަށް ބެލުމެއް ނެތި އެވެ. ފުލުހުން ވަނީ އެ މުޒާހަރާތަކަކީ އެޗްޕީއޭ ގައިޑްލައިނާ ހިލާފަށް ކުރާ މުޒާހަރާ ތަކަކަށްވާތީ އިންޒާރު ދިނުމަކައި ނުލާ ރޫޅާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް