ބޮޑެތި ތުހުމަތު ތަކަކާއި ގުޅިގެން ރޮނާލްޑޯ އެނބުރި ރެއާލް މެޑްރިޑަށް!؟

ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި މިވަގުތު ވެސް އެންމެ ގިނައިން ލިޔެވެމުންދާ އެއްވާހަކަ އަކީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޖުވެންޓަސް ޗެމްޕިއަންސް ލީގު ދެވަނަ ބުރުން ކެޓިވާހަކައެވ...

13 Mar 2021 | 07:03

ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި މިވަގުތު ވެސް އެންމެ ގިނައިން ލިޔެވެމުންދާ އެއްވާހަކަ އަކީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޖުވެންޓަސް ޗެމްޕިއަންސް ލީގު ދެވަނަ ބުރުން ކެޓިވާހަކައެވެ. އަދި ޔުވެންޓަސް ދެވަނަ ބުރުން ކަޓަން ޖެހުމުގެ ހުރިހާ ޒިންމާއެއް ވެސް ނަގަން ޖެހޭ ފަރާތަކީ ރޮނާލްޑޯ ކަމަށް ދެކެވޭ ވާހަކަތަކެވެ. މިއީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ނާއި ދުނިޔޭގެ މިހާރު ތިބި މޮޅެތި ކުޅުންތެރިން އަދި ކުރީގެ ލެޖެންޑުންގެ މެދުގައި ވަރަށް ބޮޑު ބަހުސަކަށް ވެފައިވާ މައްސަލައަކަށް ވަނީ ވެފައެވެ.

މި މަހުގެ 10 ވަނަ ދުވަހު ޕޯޗުގަލްގެ ޕޯޓޯ އަތުން ބަލިވެ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޔުވެންޓަސް ކަޓާފައިވަނީ 4-4 ގެ އެގްރިގޭޓު ނަތީޖާއިން އެއްވަރުވެ އަވޭގޯލުގެ ތަފާތުން ޕޯޓޯއަށް ކުރި ލިބިގެންނެވެ. މިއީ ސީދާ ޗެމްޕިއަންސް ލީގަށް އަމާޒުކޮށްގެން 2018 ވަނަ އަހަރު ރެއާލް މެޑްރިޑުން ޔުވެސްޓަސް އަށް ބޮޑު އަގުގައި ގެނައި ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ތިންވަނަ ފެއިލްވުމެވެ. ރޮނާލްޑޯ ޔުވެންޓަސްއާއި ގުޅުނު ފަހުން ކުޅުނު ތިން މުބާރާތްވެސް ރަނގަޅު ކާމިޔާބީއަކާއި ހަމައަށް ނުދެވި ނިންމާލަން ޖެހިފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން 2018/2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު މުބާރާތުގައި ޔުވެންޓަސް ކަޓާފައިވަނީ ކުއާޓާ ފައިނަލް އާއި ހަމައިންނެވެ. އެޓީމު ކެޓީ އަޔެކްސް އަތުން ބަލިވެގެންނެވެ. 2019/2020 ގެ މުބާރާތުން ޔުވެންޓަސް ކަޓާފައިވަނީ ދެވަނަ ބުރުން ފްރާންސްގެ ލިޔޯން އަތުން ބަލިވެގެންނެވެ. އަދި މިއަހަރުގެ މުބާރާތުން ވެސް ޔުވެންޓަސް ކަޓާފައިވަނީ ޕޯޗުގަލްގެ ޕޯޓޯއަތުން ބަލިވެގެން މުބާރާތުގެ ދެވަނަ ބުރާއި ހަމައިންނެވެ. ކަން މިހެން ހުރިއިރު، ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި މިއީ ހަމަ އެކަނި ރޮނާލްޑޯގެ މައްސަލައަކުން ދިމާވާ ކަމެއްތޯ ނުވަތަ ނޫންތޯ ބަލާލަމާ ހިނގާށެވެ.

މިހާރުގެ ބައެއް ތަޖުރިބާ ކާރު ކުޅުންތެރިންގެ ބަސް

ސާޖިއޯ ރާމޮސް

ރާމޮސް އަކީ ރޮނާލްޑޯއާއި އެކު ގިނަ އަހަރުތަކެއް ވަންދެން ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެ ގިނަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. މި މައްސަލާއި ގުޅިގެން ރާމޮސް ވެސް ވަނި އޭނާގެ ނަޒަރުގައި މި މައްސަލައަށް އެއްޗެއް ބުނެފައެވެ. ރާމޮސް ބުނި ގޮތުގައި ރޮނާލްޑޯ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ގޯލާއި ރައްޓެހި އެއް ކުޅުންތެރިޔާއެވެ. ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑެކެވެ. ކަން މިހެން ހުރިނަމަވެސް އޭގެ މާނައަކީ ރޮނާލްޑޯއަށް ހުރިހާ ކާމިޔާބެއް ލިބެން ނުޖެހޭ ކަމަށެވެ. އެކަން ވަރަށް ރަނގަޅަށް ސާބިތުވާނެ ހެކިތައްވެސް އެބަހުއްޓެވެ. އެގޮތުން ރެއާލް މެޑްރިޑްވެސް ރޮނާލްޑޯއާއި އެކު އެފަދަ ދުވަސްތަކެއް ތަޖުރިބާ ކޮށްފައި އެބަހުރިކަމަށް ރާމޮސް ބުންޏެވެ. އިތުރަށް ރާމޮސް ބުނި ގޮތުގައި ހަމަ އެކަނި ރޮނާލްޑޯ މޮޅު ވުމަކުން ޓީމަށް ކާމިޔާބެއް ނުލިބޭނެއެވެ. ކާމިޔާބީ ބޭނުން ނަމަ ރޮނާލްޑޯ އާއި އެއްފެންވަރެއްހެ އެހެންކުޅުންތެރިން ވެސް ޓީމުގައި ތިބެން އެބަ ޖެހެއެވެ.

ބްރޫނޯ ހެނާންޑޭޒް

މިވަގުތު މެނެޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިތުބާރު މިޑްފީލްޑަރ ބްރޫނޯ ހަނާންޑޭޒް ބުނަނީ ޔުވެންޓަސްއަށް ލިބޭ ނާކާމިޔާބީ ތަކުގެ ޒިންމާ ރޮނާލްޑޯ ނަގަން ނުޖެހޭ ކަމަށެވެ. އަދި އެފަދަ ޒިންމާތައް ރޮނާލްޑޯގެ ބޮލުގައި އަޅުވާ ރޮނާލްޑޯގެ އަގު ވައްޓާލުމަށް ޔުވެންޓަސްއިން މަސައްކަތް ކުރަނީ ކަމަށެވެ. ބްރޫނޯ ބުނި ގޮތުގައި ރޮނާލްޑޯ ވަނީ އޭނާ ކުބަލުގައި ހޭދަކުރި ދުވަސްތަކުގައި ޔުވެންޓަސްއަށް ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދަދީފައެވެ. ހަމަ އެކަނި ޗެމްޕިއަންސް ލީގު ނުލިބުމަކުން ރޮނާލްޑޯގެ ފެންވަރާއި މެދު ކުލަބުން ސުވާލު އުފައްދަން ނުޖެހޭ ކަމަށެވެ. އަދި ހަމަ އެކަނި ރޮނާލްޑޯއަށް ޓީމު ބިނާ ކުރިނަމަވެސް އެފެން ވަރު އެހެން ކުޅުންތެރިން ޓީމުގައި ނެތުމަކީ ދިމާވާ އެންމެ ބޮޑު އެއް މައްސަލަކަމަށް ވެސް ބްރޫނޯ ވަނީ ބުނެފައެވެ.

ކެވިން ޑިބްރެއިނާ

އިންގެރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކުލަބު ކަމަށްވާ މެންޗެސްޓާ ސިޓީއަށް ކުޅެމުން އަން މިޑްފީލްޑަރ ކެވިން ޑިބްރެއިނާ ވެސް ބުނެފައިވަނީ ހަމަ އެކަނި މޮޅު ކުުޅުންތެރިއަކަށް ވުމަކުން ހުރިހާ ކާމިޔާބެއް ނުހޯދޭނެކަމަށެވެ. ރޮނާލްޑޯއަކީ ޑިބްރެއިނާގެ އެންމެ ފޭވަރިޓް ކުޅުންތެރިޔާއަށް ވާއިރު، އޭނާ ބުނެފައިވަނީ ޔުވެންޓަސް އަކީ ރޮނާލްޑޯއަށް އެންމެ އެކަސޭނަ ކުލަބު ނޫންކަމަށެވެ. ޑިބްރެއިނާ ބުނީ ޔުވެންޓަސް ކުޅޭ ގިނަ ބޮޑެތި މެޗުތަކުގައި ރޮނާލްޑޯއަށް ކުޅުންތެރިންގެ ފަރާތުން ލިބެން ޖެހޭ ޕާސްތައް ނުލިބޭ ކަމަށެވެ. ޓީމު ކުޅުންތެރިން ރޮނާލްޑޯ އަށް ބޯޅަތައް ދީގެން ކުޅެން އުޅޭނަމަ ރޮނާލްޑޯގެ ފަރާތުން ތަފާތު ފެނިގެން ދާނެ ކަމަށްވެސް ޑިބްރެއިނާ ބުނެފައިވެއެވެ. ޑިބްރެއިނާ ބުނީ ޕޯޓޯ މެޗުގައި ރޮނާލްޑޯއަށް ގޯލު ޖަހަން ރަނގަޅު އެއްމެ ބޯޅައެއްވެސް ޕާސްކޮށްދެވިފައިނުވާ ކަމަށެވެ. މަތިން ލޯންގް ބޯލް ދިން ނަމަވެސް އަދި ތިރިން ރަނގަޅު ބޯޅަތައް ފޯރުކޮށްދެވުނު ނަމަވެސް ރޮނާލްޑޯގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭނެކަން އެނގޭނެ ކަމަށް ވެސް ޑިބެރެއިނާ ބުންފައިވެއެވެ.

އެމްބަޕޭ

ރޮނާލްޑޯގެ އެންމެ ބޮޑު ފޭން ކަމަށްވާ ފްރާންސްގެ ޕީއެސްޖީގެ ފޯވާޑް އެމްބާޕޭވެސް ވަނީ ރޮނާލްޑޯގެ ދިފާއުގައި ވާހަކަ ދައްކާފައެވެ. އެމްބަޕޭ ބުނެފައިވަނީ ޔުވެންޓަސް އަށް ލިބޭ ކާމިޔާބީ ތަކާއި ރޮނާލްޑޯގެ ހުނަރާއި މޮޅުކަން އަޅާ ނުކިޔޭނޭ ކަމަށެވެ. ރޮނާލްޑޯ އަކީ ރޮނާލްޑޯ ކަމަށާއި އެއީ ތަފާތު ގޯލް މެޝިނެއް ކަމަށް ވެސް އެމްބާޕޭ ވަނީ ބުނެފައެވެ. އެމްބާޕޭ ބުނާގޮތުގައި ރޮނާލްޑޯގެ ފެންވަރާއި މެދު އޭނާ ކުޑަކޮށްވެސް ޝައްކުނުކުރެއެވެ.

ޔުވެންޓަސްގެ ކޯޗު އެންޑްރޫ ޕިރްލޯ

ޕޯޓޯ އަތުން ޓީމު ބަލިވެގެން ދިޔައީ ނުކުޅެވިގެން ނޫން ކަމަށް ޕިރްލޯ ބުނެފައިވެއެވެ. ޔުވެންޓަސް ބަލިވެގެން ދިޔައީ ރެފްރީންނާއި ޓީމުގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކަކުން ކަމަށް ޕިރްލޯ ބުނެއެވެ. ޕިރްލޯ ބުނީ މެޗުގެ ތެރެއިން ސްކޯ ކުރަން ގިނަ ފުރުސަތު ލިބުނީ ޔުވެންޓަސް އަށް ކަމަށެވެ. އެގޮތުން ޕިރްލޯ ބުނީ މެޗުގެ ކުރީކޮޅު މޮރާޓާއަށް ލީޑު ނަގަން ލިބުނު ފުރުސަތުގެ ބޭނުން ވެސް ނުހިފުނު ކަމަށެވެ. އަދި ރޮނާލްޑޯއަށް އެކަށީގެން ވާވަރަށް ބޯޅަ ސަޕްލައި ކޮށްނުދުވެމުގެ ސަބަބުން ރޮނާލްޑޯގެ ދައުރު މެޗުގައި ކުޑަމަމަށް ވެސް ޕިރްލޯ ބުނެއެވެ. ޕޯޓޯ އަތުން ބަލިވެ ޔުވެންޓަސް ކެޓި ނަމަވެސް ޕިރްލޯ ރޮނާލްޑޯ ބްލޭމްކޮށްފައެއް ނުވެއެވެ.

ދެން ކުރެވޭ އެންމެ ބޮޑު ސުވާލަކީ މިފަހަރުގެ މި ސީޒަން ނިމުމުން ރޮނާލްޑޯ ކުލަބު ދޫކޮށްލަފާނެތޯ ކުރެވޭ ސުވާލެވެ. ރިޕޯޓުތައް ބުނާގޮތުން ކުލަބުގެ ބޯޑުން ދަނީ ރޮނާލްޑޯ ވިއްކާލުމަށް މަޝްވަރާތައް ކުރަމުންނެވެ. ރޮނާލްޑޯގެ މުސާރައަށް ބޮޑު އަދަދެއް ކޮންމެ އަހަރަކު ހޭދަކުރަން ޖެހޭއިރު، ރިޕޯޓުތައް ބުނާގޮތުން ކުލަބަށް އިތުރު ކާމިޔާބީތަކެއް ނުލިބި މާލީ ހާލަތު ދައްވަމުންދިއުމަކި ޔުވެންޓަސްއިން ރޮނާލްޑޯ ވިއްކާލަން ވިސްނާ އެންމެ ބޮޑު އެއް ސަބަބެވެ. ޔުވެމްޓަސްއާއި އެކު ރޮނާލްޑޯ ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު، ރޮނާލްޑޯ އެ ކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން ހަމާވީ އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް މިފަހަރުގެ ފުޓްބޯޅަ ސީޒަން ނިމުމާއި އެކު ރޮނާލްޑޯ ވިއްކާލުމަށް ކުލަބުން މަޝްވަރާކުރަމުން އަންނަކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ ރެއާލް މެޑްރިޑަށް އެނބުރި ދާންއުޅޭ ކަމުގެ އަޑުތައްވެސް ވަނީ ގަދަވެފަ

ރޮނާލްޑޯ އޭނާގެ ކުރީގެ ކުލަބު ސްޕެއިންގެ ރެއާލް މެޑްރިޑަށް އެނބުރި ދާން އުޅޭކަމުގެ އަޑުތައްވެސް މިހާރުވަނީ މީޑިއާގައި ގަދަވެފައެވެ. ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭސްއާއި ހަވާލާދީ ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ ރޮނާލްޑޯ ރެއާލް އަށް އެނބުރި ދިއުމުގެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން މި ސީޒަން ނިމުމާއި އެކު ރޮނާލްޑޯ ރެއާލް އަށް ބަދަލުވާނެ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައެވެ. ރޮނާލްޑޯ ރެއާލް އާއި އަލުން ގުޅެން އުޅޭ ކަމުގެ ވާހަކަތަކާއި ގުޅިގެން ރެއާލްގެ މިހާރުގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ވަނީ އެކަމާއި ހިންހަމަ ޖެހުން ފާޅުކޮށްފައެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ޕްރިމެޗު ނިއުސް ކޮންފަރެންސަގައި ރޮނާލްޑޯ ރެއާލްއަށް އެނބުރި އައުމާއި މެދު ދެކޭ ގޮތަކީ ކޮބައިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޒިދާން ބުނީ ރޮނާލްޑޯ އަކީ ތަފާތު ހުނަރުވެރިއެއް ކަމަށާއި ރޮނާލްޑޯ ޓީމުގައި ހުރުމަކީ ލިބޭ ބޮޑު އުފަލާކާއި ނަސީބެއް ކަމަށެވެ. ނަމަވެސް އޭނާ އަކީ އަދި ޔުވެނޓަސްގެ ކުޅުންތެރިއަކަށް ވުމުން މިވަގުތު އޭނާގެ ޓްރާންސްފާ އާއި ގުޅިގެން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާކަމަށްވެސް ޒިދާން ވަނީ ބުނެފައެވެ.

މި މައްސަލާއި ގުޅިގެން ރޮނާލްޑޯގެ ބަސް

ކިތަންމެ ތުހުމަތުތަކެއް ކޮށް މީޑިއާގައި ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނު ނަމަވެސް ރޮނާލްޑޯ ބުނެފައިވަނީ އޭނާގެ ހިއްވަރަކަށް އެއްވެސް އުނިކަމެއް ނާންނަ ކަމަށެވެ. ރޮނާލްޑޯ ބުނީ ނާކާމިޔާބަކީ އޭނާ އެތަކެއް ފަހަރު ތަޖުރިބާކޮށްފައިވާ ކަމެއް ކަމަށާއި ނާކާމިޔާބަކީ ވެސް ކާމިޔާބީއެއް ކަމަށެވެ. އެހެން ކަމުން ޕޯޓޯ އަތުން ބަލިވެ ޓީމު މުބާރާތުން ކެޓިނަމަވެސް އޭނާގެ ހިއްވަރު އެލުވާ ނުލާކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ. އެހެން ކަމުން އަނެއްކާވެސް އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް ރޮނާލްޑޯ ބުނެފައިވެއެވެ. ރޮނާލްޑޯގެ ވާހަކައިން އޭނާ އަދިވެސް ހުރީ އަދި ހުންނާނީވެސް ޔުވެންޓަސްގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާ ބޭނުންވަނީ ޔުވެންޓަސްއަށް ކާމިޔާބީތައް ހޯދައިދޭންކަމަށް ވެސް ރޮނާލްޑޯ ބުނެފައިވެއެވެ.

" ބަލި އެތަކެއް ފަހަރު ތަޖުރިބާ ކޮށްފިން. އެއީ އަހަންނަށް އާ ކަމެއް ނޫން. އެފަދަކަންކަން ޓޮލަރޭޓް ކުރަން އަހަންނަށް ވަނީ ދަސްވެފަ. ކޮންމެ ނާކާމިޔާބީ އަކާއި ގުޅިގެން ލިބެނީ ހިއްވަރު. އަހަރެންގެ އުންމީދަކީ ޔުވެންޓަސްއަށް ކާމިޔާބީ ހޯދައިދިނުން. އެކަން ކުރާންނަން." ރޮނާލްޑޯ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް