ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލު ކުރަން އިލެކްޝަންސް ކޮމިޝަނުން އަންގައިފި

ރައީސުލްޖުމްހޫރިއްޔާގެ ދިދަ އާއި ވައްތަރު ކަމަށްބުނެ ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލު ކުރަން އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ. އެ ޕާޓީގެ  ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އެ އެންގުމަކީ ގ...

13 Mar 2017 | 02:17

ރައީސުލްޖުމްހޫރިއްޔާގެ ދިދަ އާއި ވައްތަރު ކަމަށްބުނެ ޖުމްހޫރީ ޕާޓީގެ ދިދަ ބަދަލު ކުރަން އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ.

އެ ޕާޓީގެ  ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އެ އެންގުމަކީ ގާނޫނު އަސާސީ އާއި ހިލާފު އެންގުމެއް ކަމަށެވެ. ސަމީރު ވިދާޅުވީ އެފަދަ ނިންމުންތައް ނިންމާ، ޕާޓީތަކަށް އެންގުމަކީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން މަތިކޮށްފައިވާ ޒިންމާއެއް ނޫން ކަމަށެވެ.

ސަމީރު ވިދާޅުވީ އެ ޕާޓީގެ ދިދައަކީ ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން ޕާޓީ ރަޖިސްޓްރީކުރި އިރު ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ދިދައެއް ކަމަށެވެ. އެގޮތަށް ދިދަ ބަދަލު ކުރަން އަންގާނަމަ އިސްކަންދަރު ސްކޫލްގެ ލޯގޯ ބަދަލު ކުރަންވެސް އަންގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނުން ފޮނުވާ ސިޓީތަކުގެ މައުލޫމާތު އާންމު ނުކުރާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހޯމް މިނިސްޓްރީން އާންމު ކުރި ދިވެހި ގައުމީ ދިދަ ބޭނުން ކުރުމުގެ އުސޫލުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދިދަ ހުންނަން ޖެހޭގޮތަކީ ގައުމީ ދިދައިގެ ހަނދުފަޅީގެ އެތެރެއަށްވާ ގޮތަށް ފަސް ފިޔައިގެ ތަރިއެއް ހިމެނޭ ގޮތަށެވެ. އަދި އެ ދިދައާ ވައްތަރު ދިދައެއް ނުވަތަ ނިޝާނެއް އެހެން އެއްވެސް ފަރާތަކުން ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

ހަމަ އެ އުސޫލުގައި ވަނީ ސިޔާސީ ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކުގައި ނޫނީ ގައުމީ ދިދަ ނުނެގޭނެ ކަމަށް ބުނެފައިވެ އެވެ. އެހެންވެ އެ އުސޫލު ގެޒެޓު ކުރި ދުވަހު ފުލުހުން ވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީހަށް ގޮސް އެތާގަނއި ނަގާފައިވާ ދިދަ ނެގުމަށް އަންގާފައި އެވެ.

މި އުސޫލާއި ގުޅިގެނ ރައީސް މައުމޫނާއި އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ވަނީ ނުރުހުން ފާޅުކޮށްފައި އެވެ. އަދި މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ މި އުސޫލަކީ އުފެދުނު އިރުވެސް ބާތިލް އުސޫލެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް