ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 13 އަހަަރަށް ޖަލަ...

13 Mar 2015 | 18:35

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 13 އަހަަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމް ނަޝީދުގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ގާނޫނުގެ (2) ވަނަ މާއްދާގެ (ށ)ގެ ދަށުން ނަޝީދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ގާނޫނުގެ (6) ވަނަ މާއްދާގެ (ށ)ގެ ދަށުންނެވެ.

ކްރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ރިއާއަތް ކުރާއިރު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށެވެ. އަދި ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ނަޝީދަކީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި އިސްކޮށް ހުންނެވީ ނަޝީދު ކަމަށް ސާބިތުވާކަމަށެވެ.

އިތުރަށް ހުކުމުގައި ބުނެފައިވާ ކަންކަމުގެ ތެރޭގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ހެކި ބަސް ދެއްވި ދުވަހު  އަބްދުﷲ ގާޒީ ހައްޔަރު ކުރި ފަހުން އޭރުގެ ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް މުހައްމަދު ނަޝީދު ސިފައިންނާ ބައްދަލު ކުރި ކަމަށާއި އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގެ ޒިންމާ ތިމަންމަނިކުފާނު ނަންގަވާނެ ކަމަށް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. މިރޭގެ ޝަރީއަތުގައި ޝިޔާމްގެ ހެކިބަސް ފަނޑިޔާރުން އިއްވަވަން ފެއްޓެވުމުން ރައީސް މުހައްމަދު ނަޝީދު ކޮޅަށް ތެދުވެވަޑައިގެން "މޭޖާ ޖެނަރަލް ޝިޔާމް އެހެން ވިދާޅުވި އަޑެއް އަޅުގަނޑު ނާހަން" ކަމަށް ވިދާޅުވި އެވެ.

އަބްދުﷲ ގާޒީގެ ހެކިބަހަށް ބަލާއިރު އޭނާ ހައްޔަރުކުރަން ނަޝީދު އެންގެވިކަން ފުލުހުންނާ ކުރެއްވި ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުން އެނގޭ ކަމަށާއި ގާޒީ ހުރީ ގިރިފުށީގައި ހައްޔަރުކޮށްފައިކަން ނަޝީދު ދެއްކެވި ވާހަކަފުޅަކުން އެނގޭ ކަމަށެވެ. ސިފައިން ލައްވައި އަބްދުﷲ ގާޒީ ހައްޔަަރުކުރުމުގެ މޭސްތިރިއަކީ ނަޝީދުކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ހުށަހެޅި ކިތާބީ ހެކިތަކުން އެނގޭ ކަމަށާއި މިކަންކަމާ ދެކޮޅަށް ނަޝީދަށް ޖަދަލު ކުރުމުގެ ޖާގަ ނުލިބޭނެހާ ފާޅުކަން ބޮޑުގޮތެއްގައި ޝަރީއަތަށް އެނގޭ ކަމަށް ހުކުމުގައި ބުނެފަ ވެއެވެ.

ޝަރީއަތަށް ހުށަހެޅި ސީޓީތަކަށް ބަލާއިރު، އަބްދުﷲ ގާޒީ ގަދަކަމުން ސިފައިންގެ ބެލުމުގެ ދަށުން ކ. ގިރިފުއްޓަށް ގެންގޮސްފައި ވަނީ ނަޝީދުގެ އެނގުމާއި ފެނުމުގެ ތެރެއިން ކަމަށާއި އަދި އެކަން ކުރީ ނަޝީދުގެ އަމުރަށްކަން އެނގޭ ކަމަށް މިރޭ ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވި އެވެ. އަދި ގާޒީ ދޫކޮށްލުމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން އަމުރުތައް ނެރުމުން ސިފައިން އެ އަމުރުތަކަށް ތަބާވެފައި ނުވަނީ އޭރުގެ ސިފައިންގެ އެންމެ މަތީ ވެރިޔާ މުހައްމަދު ނަޝީދުގެ ކިބައިގައި ގާޒީ ދޫކޮށްލުމުގެ ނިޔަތެއް ނެތުމުންކަން މި މައްސަލާގައި ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާއިރު އެނގެން އޮތް ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.

މިރޭގެ ޝަރީއަތުގެ މަޖިލީހުގައި ހުލާސާ ބަޔާން އިއްވުމުގެ ފުރުސަތު ފަނޑިޔާރުންގެ ބެންޗުން ދީފައިވަނީ ހަމައެކަނި ދައުލަތަށެވެ. އޭގެ ފަހުން ނަޝީދު ހުލާސާ ބަޔާން އިއްވަން މަސައްކަތް ކުރުމުން އެ ފުރުސަތު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް ނަޝީދު ވަނީ ހުކުރު ދުވަހު (ބަންދު ދުވަހެއްގައި) ކޯޓު ހުޅުވައިގެން އަދި ވަކީލުންނަށް ފުރުސަތު ނުދީ ޝަރީއަތް ކުރިއަށް ގެންދާތީ އެކަން ފާހަގަ ކުރައްވާފައި، ހުލާސާ ބަޔާން އިއްވުމަށް އިތުރު ފުރުސަތެއް ދިނުަމށް އެދިވަޑައިގެންފައެވެ.

ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅީގެން ހުކުމް ތަންފީޒު ކުރުަމަށް މާފުށީ ޖަލަށް ނުގެންގޮސް ދޫނިދޫޖަލުގައި ބެހެއްޓުމަށް ހޯމް މިނިސްޓަރު މިރޭ ވަނީ އަންގަވާފައި އެވެ. މިނިސްޓަރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާފުށީ ޖަލުގައި ހާއްސަ ޔުނިިޓެއް ގާއިމު ކުރެވެންދެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް މިރޭ ކުރި ހުކުމް ތަންފީޒު ކުރުމަށް ދޫނިދޫ ޖަލުގައި ބެހެއްޓުމަށް ފުލުހުންނަށް އަންގަވާފައިވާނެ ކަމަށެވެ.

https://twitter.com/UmarNaseerPPM/status/576460748966105088

ނަޝީދުގެ ޝަރީއަތް ކުރިޔަށް ގެންދެވި ތިން ފަނޑިޔާރުންގެ ތެރެއިން އިސް ފަނޑިޔާރަކީ އަބްދުﷲ ދީދީ އެވެ. ދެން އެ ބެންޗުގައި ހިމެނިވަޑައިގެންނަވަނީ ގާޒީ ޝުޖާއު އުސްމާނާއި ގާޒީ އަބްދުލްބާރީ ޔޫސުފެވެ.

ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ.

ނަޝީދުގެ މައްޗަށް މިރޭ އިއްވި 13 އަހަރުގެ ޖަލު ހުކުމް މަތީ ކޯޓަކުން ބާލިތް ކުރުމާއި ހަމައަށް އެއްވެސް އިންތިހާބެއްގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުނީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް