ހދ. ހަނިމާދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ދެމައިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި ހިންގި އޮޕަރޭޝަނުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
"ފެބުރުވަރީ 12 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ / މަޔާ ޕެލަސް، އާމިނަތު (56) އާއި ފާޠިމަތު މާޔާ (25)" ފުލުހުން ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގައި، އެ ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެއްޗާއި ފައިސާ ފެނިފައިވާކަމަށާއި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 189.69 ގުރާމު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އާމިނަތު ފަސް ދުވަހަށް އަދި ފާތިމަތު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
ދުވަހަށް އެނގިފައިވާގޮތުގުގައި އާމިނަތަކީ ފާތިމަތުގެ މަންމައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް