މި މަހުގެ ތިންވަނަ ދުވަހުގެ ރޭ އައިޖީއެމް ހޮސްޕިޓަލު ކައިރިން މީހަކަށް މަރުތޭލަކުން ހަމަލަދިން ކަމަށް ތުހުމަތު ކުރެވޭ މީހާ މެލޭޝިޔާއަށް ދިޔުމުން މެލޭޝިޔާއަށް އެތެރެވިޔަނުދީ ރާއްޖެ ގެނެސް ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ބަނަފްސާގެ، އުމުރުން 31 އަހަރުގެ ހުސެއިން އަރީޝް އެވެ.
އޭނާއަކީ މަސްތުވާތަކެއްޗާއި މާރާމާރީ ހިންގުމާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ރެކޯޑު އޮންނަ ފަރާތެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން މިއަދު ފުލުހުން ބުނެފައިވަނީ މިހާރު ހިންގަމުންދާ މާރާމާރީތަކުގެ ތުހުމަތު ކުރެވޭ، އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމުގައި ބައިވެރިވާކަމަށް ތުހުމަތު ކުރެވޭ މީހަކު މިއަދު އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
"މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް މެލޭޝިޔާއަށް ދިއުމުން މެލޭޝިޔާއަށް އޭނާ ވަނުނު ހުއްޓުވައި އެހެން ފްލައިޓެއގައި ރާއްޖެ ގެނައުމަށްފަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިހާރު ނޫހުގައި ރިޕޯޓުކޮށްފައިވާގޮތުގައި ހައްޔަރުކުރި އެމީހާއަކީ މި މަހުގެ ތިންވަނަ ދުވަހުގެ ރޭ އައިޖީއެމް ހޮސްޕިޓަލު ކައިރިން މީހަކަށް މަރުތޭލަކުން ހަމަލަދިންކަމަށް ތުހުމަތު ކުރެވޭ މީހާއެވެ. އޭނާގެ ނަމަކީ ހުސެއިން އަރީޝް ކަމަށްވެސް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ. އަދި އެ ނޫހުގައި އަރީޝް އެއާޕޯޓުން ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ފޮޓޯތައްވެސް ހިމަނާފައިވެއެވެ.
މި މަހުގެ ހަތަރުވަނަ ދުވަހު ފުލުހުން ބުނެފައިވަނީ މާލެ ކަނބާއައިސަރަނި ހިނގުން، އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެމީހަކު ހަމަލަދީ މާރާމާރީ ހިންގި މައްސަލައެއް ތިންވަނަ ދުވަހުގެ ރޭ 08:41 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް