ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އަންނަ ހަފްތާގައި ފްލެޓު ދޫކުރަން ފަށަނީ

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އަންނަ ހަފްތާގައި ފްލެޓު ދޫކުރަން ފަށާނެ ކަމަ...

13 Feb 2024 | 13:04

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4000 ފްލެޓަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް އަންނަ ހަފްތާގައި ފްލެޓު ދޫކުރަން ފަށާނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާ ބެހޭ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ މި ކޮމިޓީއަށް ހާޒިރުކޮށްފައިވަނީ ފްލެޓް ދޫކުރުމުގެ މަސައްކަތް ލަސްވުމާއި، ފޯމު ހުށައެޅި ގިނަ ބައެއްގެ ޝަރުތު ހަމަނުވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައެޅުމާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބު ހޯދުމަށެވެ.

މިނިސްޓަރ ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބުނު މީހުންގެ ތަހުގީގުގައި އޭސީސީން 4048 ފޯމު ބަލާފައިވާ ކަމަށާއި، ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވަނީ 724 މީހުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އޭސީސީން ވަނީ ގެދޮރުވެރިޔާ ޕޯޓަލްވެސް ހިފަހައްޓާފައި ކަމަށާއި، ޝަރުތު ހަމަވި މީހުންނަށް ފްލެޓުތައް ހަވާލުކުރެވޭނީ ޕޯޓަލް އަށް އެކްސެސް ލިބުމުން ކަމަށެވެ. ޕޯޓަލްގެ ބެކަޕް ހެދުމަށްފަހު ދެތިން ދުވަހެއްގެ ތެރޭގައި އޭސީސީން ހައުސިންގ މިނިސްޓްރީއާ ޕޯޓަލް ހަވާލުކުރާނެ ކަމަށާއި، އޭރުން ޝަރުތު ހަމަވާ މީހުންނަށް އަންނަ ހަފްތާގައި ފްލެޓުތައް ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފްލެޓު ދޫކުރުމުގެ މަސައްކަތް ކުރުމަށް ޚާއްސަ ކޮމިޓީއެއް ނެގުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ ޝަރުތު ހަމަވިނަމަވެސް މައްސަލަތައް ހުރި ފޯމުތަކުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ފޯމުގައި ދީފައިވާ މައުލޫމާތު ފުށުއެރުމާއި، ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުންތައް ހުށަހެޅުމާއި، ޕޮއިންޓް ދިނުމުގައި މައްސަލަތައް ހުރުމުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ޚިލާފަށް ޕޮއިންޓްދިނުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، ފަސޭހައިން ހޯދެން ހުރި މައުލޫމާތުވެސް ނުހޯދައި ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވުނު ކަމަށްވެސް އޭސީސީން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކުގައި 3 ކޮޓަރީގެ 2,712 އެޕާޓްމަންޓާއި 2 ކޮޓަރީގެ 1,188 އެޕާޓްމަންޓް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް