އޫރު މަހާއި ބަނގުރާ ވިއްކާ ތަންތަނުގައި މުސްލިމަކު މަސައްކަތް ކުރުމަކީ ހަރާމް ކަމެއް ކަމަށް ފަތުވާ މަޖިލީހުން ބުނެފިއެވެ.
ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނީ ރާ ހަދާ ތަންތަނާއި، ރާ ވިއްކާ ތަންތަނާއި، ރަލުގެ މުއާމަލާތް ކުރާ ތަންތަނާއި، އޫރު މަހާއި އޫރުމަހުގެ ބާވަތްތައް އުފައްދާ ވިއްކާ ތަންތަނުގައި ނުވަތަ މި ދެ ބާވަތުން ކުރެ ބާވަތެއްގެ ޚިދުމަތްދޭ ތަނެއްގައި މުސްލިމަކު އުޖޫރައަށް ނުވަތަ ވަޒީފާގެ ގޮތުން މަސައްކަތް ކުރުމަކީ ހަރާމް ކަމެއް ކަމަށެވެ.
އެފަދަ ތަނެއްގައި މުސްލިމަކު ވަޒީފާ އަދާކުރުމަކީ ހުއްދަ ކަމެއް ނޫންކަން ކީރިތި ޤުރުއާނުންނާއި، ކީރިތި ރަސޫލާގެ ސުންނަތުންނާއި މި އުންމަތުގެ އިލްމުވެރިންގެ އިޖުމާޢުން ސާބިތުވާކަމަށް ފަތުވާގައި ބުނެފައިވެއެވެ.
ފަތުވާ މަޖިލީހުން ނެރެފައިވާ މި ފަތުވާއަކީ މީގެ 10 އަހަރު ކުރިންވެސް ނެރެފައިވާ ފަތުވާއެވެ.
ފަތުވާ މަޖިލީހުން މިފަދައިން ފަތުވާ ނެރެފައިވާއިރު، ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ މީހުން މަސައްކަތް ކުރަމުން އަންނަނީ ރިސޯޓުތަކުގައެވެ.
ފަތުވާ ނިންމާލަމުން ބުނެފައިވަނީ ހުރިހާ އިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި މިފަދަ މަސައްކަތުން އާމްދަނީ ހޯދުމަކީ ހަރާމް ކަމެއް ކަމަށާއި، އެބޭކަލުން އިސްތިސްނާ ކުރައްވަނީ ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ލިބެން ނެތް ޒަރޫރީ ހާލަތްތަކުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް