ތިލަދުންމަތީ ދެ ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

ތިލަދުންމަތީގެ ދެ ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުން އެ ދެ ރަށުގައި ގާއިމުވެތިބެ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ. މިއަދު ޕޮލިސް ޕޯސްޓު ހުޅުވައި...

13 Feb 2024 | 12:11

ތިލަދުންމަތީގެ ދެ ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުން އެ ދެ ރަށުގައި ގާއިމުވެތިބެ ރައްޔިތުންނާ ގުޅިގެން، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

މިއަދު ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށާފައިވަނީ ހއ. ފިއްލަދޫ އަދި ހދ. ކުރިނބީގައެވެ.

މި ދެ ރަށުގެ ތެރެއިން ކުރިނބީ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް ޢަބްދުﷲ އަސްލަމްއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ރަށުގައި އަލަށް ތައާރަފުވެގެންދާ ކުށްތަކާއި ސައިބަރ ސްކޭމްގެ މައްސަލަތަކާއި ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް އިހުމާލުވުމުން ފަދަ ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވައި ހޭލުންތެރިކުރުމަށް ފުލުހުން ގާއިމުވެތިބުމުން އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު ރައީސް ފަތުހުﷲ ހަސަންއެވެ.

ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފިއްލަދޫއަކީ އަހުވަންތަ ކުށްމަދު އަމާން މުޖުތަމައެއްގެ ވެރި ބައެއް ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މިރަށުގައި ފުލުހުން ގާއިމުވެ ތިބޭ ހިނދު މިރަށަކީ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުށްމަދު އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށެއްގެ ގޮތުގައި ބާއްވައިދިނުމަށް އެދިލެއްވިއެވެ. އަދި ރައްޔިތުން ކުރާ ކަންކަމުގައި ބައިވެރިވެ ރައްޔިތުންގެ ކަންބޮޑުވުމަކީ ފުލުހުންގެ ވެސް ކަނބޮޑުވުމެއް ކަމުގައި ދެކިގެން ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް