އިމާމުންނާއި ޚަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން ފުރާ ފުރަތަމަ ބުރު މި މަހުގެ 16 ވަނަ ދުވަހު މައްކާއަށް ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މިނިސްޓަރ ފޮނުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހު ފުރާ ބުރުގައި 20 ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މި އަހަރު ތެރޭގައި އިމާމުންނާއި ޚަތީބުންނަށް އިތުރު ތަމްރީނު ބުރެއް ބޭއްވޭތޯ ސައުދީ ސަރުކާރާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެ ބުރު އޮންނާނީ ޝައްވާލު މަހުގެ ތެރޭގައި ކަމަށާއި، އެ ބުރުގައި ފުރާ ޓީމު މިއަށް ވުރެ ބޮޑުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމަކީ ސައުދީ އަރަބިއްޔާގެ އެކިއެކި މުވައްސަސާތަކާއި ގުޅިގެން ތައުލީމީ، ތަރުބަވީ އަދި އިމާމުންނާއި ގުޅޭ ހާއްސަ މައުޟޫއުތަކަށް ތަމްރީނު ދެވޭ ޕްރޮގްރާމްތަކެއް ކަމަށެވެ. މި ޕްރޮގްރާމްތަކަކީ އިމާމުންނަށް ވަރަށް ބޮޑު ފައިދާއެއްވާނެ ތަމްރީނުތަކެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިމާމުންނަށް ސައުދީ، މިސްރު، މެލޭޝިއާ، ބްރުނާއި އަދި މޮރޮކޯ އިންވެސް ތަމްރީން ޕްރޮގްރާމްތަކުގެ ފުރުސަތުތައް ހޯދައި ދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހުން އެ ދަތުރުތައް އެކި ބުރުތަކަށް ބަހައިގެން ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި އިމާމުން ތަމްރީނު ކުރުމުގެ ޤައުމީ މަޝްރޫޢުއެއް ފަށާފައިވާކަން ވެސް މިނިސްޓަރގެ އޯޑިއޯ މެސެޖުގައި ފާހަގަކުރެއްވިއެވެ. އިމާމުން ތާޒާކުރުމުގެ ފުރަތަމަ ޕްރޮގްރާމް މި މަހުގެ 11 ވަނަ ދުވަހު ގއ. ގެމަނަފުށީގައި ފަށާފައިވާއިރު އެ ޕްރޮގްރާމްގައި 77 އިމާމުން ބައިވެރިވެއެވެ.
އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކެކެވެ.
މިނިސްޓަރ ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ 2024 ވަނަ އަހަރު ނިމޭއިރު މުޅި ރާއްޖޭގެ އިމާމުން މި މަޝްރޫޢުގެ ދަށުން ތާޒާކޮށް ނިންމުން ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރު ނިމޭއިރު ހުރިހާ އިމާމުންނަކީ މި ޕްރޮގްރާމް ނިންމާފައިވާ ބަޔަކަށް ވުން. އަދި ގިނަ އަދަދެއްގެ އިމާމުންނަކީ ބޭރުގެ އެކިއެކި ގައުމުތަކުގައި އިމާމުކަން ކުރަމުންދާ ގޮތް ތަޖުރިބާ ކުރެވި، އެކިއެކި ތަމްރީނު ލިބިފައިވާ ބަޔަކަށް ވުން." މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ކުރިއަށް މަހުގެ ތެރޭގައި އިމާމުންނަށް މަތީ ތައުލީމުގެ ފުރުސަތުތަކަށް ވެސް ހުޅުވާލާނެ ކަމަށެވެ. އިމާމުންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް