ފައްތިޔާ ދޯނިތައް އަޅަން ޖާގައެއް ހަމަޖައްސާނަން: ރައީސް

މާލެ ފަޅު ތެރޭގައި ހުންނަ ފައްތިޔާ ދޯނިތައް އަޅަން ވަކި ޖާގައެއް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ސަރުކާރުން...

13 Feb 2024 | 10:08

މާލެ ފަޅު ތެރޭގައި ހުންނަ ފައްތިޔާ ދޯނިތައް އަޅަން ވަކި ޖާގައެއް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގައި ތ.މަޑިފުއްޓަށް ނިސްބްތާ އަހްމަދު އިބްރާހިމް، މާލެ ފަޅު ތެރޭގައި ހުންނަ ފައްތިޔާ ދޯނިތައް ނަގަން އަންގާތީ އެކަމުގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށް ކުރި ސުވާލަށް ދެއްވި ޖަވާބުގައެވެ.

އިބްރާހިމް ކުރި ސުވާލުގައި ފާހަގަކުރީ، ފައްތިޔާ ދޯނިތައް ދުވަސް ދުވަސްކޮޅުން ނަގަން އަންގާއިރު، ނަގައިގެން ދާނެ އިތުރު ތަނެއް އެއްވެސް ސަރުކާރަކުން ނުދައްކާ ކަމަށެވެ.

އެ ސުވާލަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޑިފުއްޓަކީ އޮޑިދޯނި ފަހަރު ދުއްވާ ވަރަށް ގިނަ ފަރާތްތައް ދިރިއުޅޭ ރަށެއް ކަމަށާއި، އޭގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން މާލޭގައި މަސައްކަތް ކުރައްވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މާލެ ފަޅުތެރޭގައި މަޑިފުށީ އަދި އެހެން ދޯނިތައްވެސް މަސައްކަތް ކުރާއިރު، އަހްމަދު މުހައްމަދު ފާހަގަކުރި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލާވެސް މަޝްވަރާ ކުރެއްވުމަށްފަހު ފަޅު ތެރެއިން އެހެން ދިމާލަކުން ޖާގައެއް ކަނޑައަޅުއްވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެހެން ތަނަކުން ޖާގައެއް ކަނޑައަޅާ ނަމަ، އެ ކަން ކުރައްވާނީ އޮޑިދޯނި ފަހަރު ދުއްވާ ފަރާތްތަކާ ވެސް މަޝްވަރާކޮށްގެން ކަމަށެވެ.

"އެހެން ތަނަކަށް ބަދަލު ވަންޏާ އެކަން ހިނގާނީ ތިބޭފުޅުންނަށް ވެސް އެނގިގެން. ކުއްލިއަކަށް ކަމެއް ނިންމާފައި ބަދަލުވާގޮތެއް ނުހަދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް