ފްލެޓު ލިބުނު ކަމަށް ބުނެ އޮޅުވާލައިގެން މަކަރާއި ހީލަތުން އަނެއްކާވެސް ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފްލެޓު ލިބުނު ކަމަށް ބުނެ އޯޓީޕީ ހޯދައިގެން ފަސް ލައްކަ ރުފިޔާ މަކަރާއި ހީލަތުން މިއަދު ބަޔަކު ހޯދާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ދާދި ފަހުންވެސް ފްލެޓު ލިބުނު ކަމަށް ބުނެ މީހެއްގެ އެކައުންޓުން މަކަރާއި ހީލަތުން 2 ލައްކަ ރުފިޔާ ވަނީ ހޯދާފައެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން ދެ ލައްކަ ރުފިޔާ ނަގާފައިވަނީ ގއ.ވިލިނގިލީ މީހެއްގެ ބޭންކް އެކައުންޓުންނެވެ.
އެ ހީލަތުގެ ފައިސާ 7 މީހެއްގެ އެކައުންޓަށް ޖަމާވެފައިވަނީ ލަނޑު ލިބުނު އަންހެން މީހާ އީމެއިލްގައިވާ ޕާސްވޯޑެއް ގުޅި ފަރާތަކާއި ހިއްސާކުރުމުންނެވެ.
ފުލުހުން ވަނީ ފްލެޓު ލިބުނުކަން ކަށަވަރުކުރުމަށް އެއްވެސް އިދާރާއަކުން އޯޓީޕީ ނުފޮނުވާނެ ކަމަށް ބުނެފައެވެ. ބުރަ މަސައްކަތުން ހޯދާ ފައިސާއަށް ރައްކާތެރިވުމަށާއި މިފަދަ ހީލަތްތެރިންނާމެދު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ސްކޭމް ކޮށްގެން މީހުންގެ އަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި ވަރަށް އާއްމު މައްސަލައެކެވެ. ފުލުހުން ބުނީ މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން މިއަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ މީހުންގެ އަތުން ގެއްލިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ރިކަވާ ކުރެވިފައިވަނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް