ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލުނުކޮށް ފަސްކުރަނީ

ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އައްޔަން ކުރި މައްސަލައިގައި ހުށަހަޅާފައިވާ ގަރާރާއި މެދު ގޮތެއް ނިންމަންދެން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލުނުކޮށް ފަސްކުރަނ...

13 Feb 2024 | 08:55

ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އައްޔަން ކުރި މައްސަލައިގައި ހުށަހަޅާފައިވާ ގަރާރާއި މެދު ގޮތެއް ނިންމަންދެން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލުނުކޮށް ފަސްކުރަން މަޖިލީހުން މިއަދު ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިނުމުން އަލުން މަޤާމަށް އައްޔަންކުރެއްވި ތިން ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.

ސަރުކާރުގެ 22 ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި ނެގި ވޯޓުން ރުހުން ނުލިބުނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްއާއި، ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަހުމަދާއި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދަށެވެ.

މަޖިލީހުގައި ނެގި ވޯޓުގައި އެޓާނީ ޖެނެރަލް ކަމަށް އަހުމަދު އުޝާމް އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ. އަދި ރުހުން ދިނުމަށް ނުފެންނަ ކަމަށް 44 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ހައުސިންގ މިނިސްޓަރު ކަމަށް ޑރ ހައިދަރަށް ރުހުން ދިނުމަށް ވޯޓު ދެއްވާފައިވަނީ 24 މެމްބަރުންނެވެ. 46 މެމްބަރުންނަށް ވޯޓު ދެއްވީ ރުހުން ނުދިނުމަށެވެ. އަދި އިސްލާމިކް މިނިސްޓަރު ކަމަށް ޑރ ޝަހީމް އަށް ރުހުން ދިނުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 31 މެމްބަރުންނެވެ.

މަޖިލީހުގެ ރުހުން ނުލިބުނު ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ ހަމަ އެ މަގާމުތަކަށް އެ ތިން ވަޒީރުން އައްޔަންކުރައްވާފައެވެ.

އެ މައްސަލައާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އީވާ އަބްދުﷲ ވަނީ ރުހުން ނުލިބުނު ވަޒީރުންނަށް މަގާމުގައި ނުތިބެވޭނެ ކަމަށާއި ސަރުކާޜުން މަޖިލީހުގެ ބާރުތަކަށް އަރައިގަންނަނީ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ.

މިއަދު ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ މަގާމަށް އަލުން އައްޔަންކުރެއްވި ތިން ވަޒީރުންނާ މެދު މަޖިލީހުން އަމަލުކުރަން ފެންނަ ގޮތެއް އީވާ ހުށަހެޅުއްވި ގަރާރު ފާސްކުރުމުން އެނގޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް