ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަސްދޮޅަސް ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ޚާލިދު ފެންފޮދެއް ބޯލައިގެން ގޮސް ބޭރުދޮރު ހުޅުވާލުމަށްފަހު މަގުމަތި ބަލާލިއެވެ. މަގުމަތީގައި މީހެއްގެ ހިލަމެއްވެސް ފެންނާކަށްނެތެވެ. "އެހާ އަވަހަށް އެދިޔައީ ކޮންތާކަށް...؟. މީ...

13 Feb 2024 | 05:17

ކުރީގެ އަދަދާއި ގުޅޭ...

ޚާލިދު ފެންފޮދެއް ބޯލައިގެން ގޮސް ބޭރުދޮރު ހުޅުވާލުމަށްފަހު މަގުމަތި ބަލާލިއެވެ. މަގުމަތީގައި މީހެއްގެ ހިލަމެއްވެސް ފެންނާކަށްނެތެވެ.

"އެހާ އަވަހަށް އެދިޔައީ ކޮންތާކަށް...؟. މީހެއްގެ ހިލަމެއްވެސް ފެންނާކަށް ނެތް..." ހިތާހިތާ ކިޔާލުމަށްފަހު ޚާލިދުގޮސް ކޮޓަރިއަށް ވަނެއެވެ.

"މިރޭވެސް ނާޝިދު ބޭރަށް އެދިޔައީ... މިހާރު ދޭއް އެ ޖަހަނީ... މިއީ ދެން ކޮންގަޑިއެއް ބޭރަށްދާން... ފެންފޮދެއް ބޯލަން ނުކުތްއިރު ނާޝިދު ބޭރަށް ނުކުމެފަ ދޮރުލައްޕާލަނީ.... އަހަރެން ފެންފޮދެއް ބޯލައިގެންގޮސް ބޭރު ބަލާއިރު ޖެހުނުތާ ލަކުނުވެސް ނެތް..." އެނދުގައި އޮށޯންނަމުން ޚާލިދު ބުނެލިއެވެ.

"ޚާލިދު މިހާރު ނާޝިދަށް ފާރަވެސް ލާންފެށީތަ....؟" ހަސީނާ ހީނލާފައި ސަމާސާ ރާގަކަށް ބުނެލިއެވެ.

"ފާރަލައިގެންވެސް މިހާރު ދެން ކޮންމެރެއަކު މިގަޑީގަ އޭނަ އެދާތަނެއް ބަލަން ވެއްޖެތާ...." އެނދުގައި ހަމަޖެހިލަމުން ޚާލިދު ބުނެލިއެވެ.

"އަހަންނަކަށް ހިޔެއްނުވެ ނާޝިދު ގޯސްގޮތަކަށް އުޅޭނެހެނެއް.... އެމަންޖެއަށް އެނގިގެން ކަންނޭނގެ އެދާތާކަށް އޭނަ އެދަނީ.... ދެން ހިނގާ ނިދަމާ... މިހާރު މާލަސްވެއްޖެ... ދެން ހިޔެއްނުވެ ފަތިހު ހޭލެވޭނެހެނެއްވެސް...." ބޯދޮށުގަ އޮތް ބާލީސް ރަނގަޅު ކޮށްލަމުން ހަސީނާ ބުނެލިއެވެ.

ޖެހިގެން އައިދުވަހެވެ. ބޭބީ ފެންވަރުވާލައިގެން އައިސް ބޭބީ ރީތިކުރުމަށްޓަކައި ހުމޭދާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. އެވަގުތު ކޮޓަރިއަށް ވަނީ ބޭބެ ޚާލިދެވެ.

"ދަރިފުޅާ.... ކިހިނެތް...؟ މިހާރު ބަލިގަނޑު ކިހިނެތް....؟" ކޮޓަރިއަށް ވަދެގެން އައިސް އެނދުގައި އިށީނދެލަމުން ޚާލިދު ސުވާލު ކުރިއެވެ.

"ދުވާލުގަޑީގަ ހަމަބަރާބަރު.... އިރުއޮއްސުނީމަ އުނދަގޫތައްވެފަ ބޮލުގައާއި ގައިގަ ރިއްސަންފަށާނީ...." ބޭބީ ރީތިކުރަމުން ހުމޭދާ ބުނެލިއެވެ.

"ކޮބާ ނާޝިދު...؟ ގޭގަ ނޫޅެނީތަ....؟ ހުމޭދާ އާ ދިމާއަށް ބަލަން އިނދެ ޚާލިދު ސުވާލުކޮށްލިއެވެ.

"އާނ... ކޮންމެސް މީހަކު ގުޅީމަ ބޭހެއްހަދާލަދޭށޭ ކިޔައިފަ ގޮސްވީ.... ކިހިނެތްވީ...؟" ކަމަކުތަ ނާޝިދު ތިހޯދާނީ...." ބޭބެއާ ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ވާހަކަ ދެއްކިއެވެ.

"ބޭބެ ވާހަކައެއް އަލާހަންތަ...؟" ބޭބީގެ އަތުގައި ހިފާލަމުން ޚާލިދު ސުވާލުކޮށްލިއެވެ.

"ކޮންވާހަކައެއް... ބޭބެ ދެން ތިހެން ބުނަންޖެހޭތަ....؟" ހުމޭދާ ވަރަށް ސީރިއަސްވެފައި ބުނެލިއެވެ.

"އެހެންވިއްޔާ ރޭގަ ދަންވަރު ނާޝިދު ބޭރަށް ދިޔަކަން ދަރިފުޅަށް އެނގޭތަ....؟" ގާތްގަޑަކަށް ދޭން ޖަހަން އުޅިކޮށް..." ޚާލިދު، ހުމޭދާއާ ސުވާލުކޮށްލިއެވެ.

"އާނ... އެހާކަށްހާއިރު އޭނަ ބޭރަށް ދިޔަ...." ޚާލިދު އާ ދިމާއަށް ބަލަން އިނދެ ހުމޭދާ ޖަވާބު ދިނެވެ.

"ކޮންތާކަށް އެގަޑީގަ އެދިޔައީ...؟ އެއީ މީހުން ބޭރަށްދާ ގަޑިއެއްވެސް ނޫނެއްނު... ބޭރަށް ނުކުންނަނިކޮށް ބޭބެއަށް ފެނިގެން މިއަހާލީ..." ޚާލިދު އިތުރަށް ސާފުކުރުމުގެ ގޮތުން ސުވާލުކޮށްލިއެވެ.

"ނޭނގެ... ކޮންމެ ރެއަކުވެސް އެގަޑީގަ ބޭރަށްދޭ... ދަމުން ބުނެފަ ދަނީވެސް.... ދަނީ ކީއްކުރަންކަން ފަހުން ބުނާނަމޭވެސް ބުނޭ... އެކަމަކު އަދި ނުބުނެ...." ބޭބެއާ ދިމާއަށް ބަލަން އިނދެ ހުމޭދާ ވާހަކަ ދެއްކިއެވެ.

"ނާޝިދު އަނެއްކާ ގޯހެއް..." ޚާލިދު ބުނަން އުޅުނު ޖުމްލަ މެދުކަނޑާލީ ހުމޭދާ އެވެ.

"ނޫނޭ ބައްޕާ...! ނާޝިދު އާ ދޭތެރޭގައި ތިކަހަލަ ގޮތަކަށް ހީނުކެރޭ... ނާޝިދު ހުމޭއަކަށް ދެރަގޮތެއް ނުހަދާނެ....! ހުމޭ ނާޝިދުއަށް ވަރަށް އިތުބާރު ކުރަން... ނާޝިދު ހުމޭދެކެ ވަރަށް ލޯބިވެސްވޭ...." ޚާލިދު އާ ދިމާއަށް ބަލަންއިނދެ ހުމޭދާ ބުނެލިއެވެ.

"ތީ ބޭބެ ވެސް އެދޭގޮތަކީ... މިއީ ދެން ހަމަ ނުދައްކާ ވާހަކައެއް އިނގޭ... ދެތިން ރެއަކު ބޭރަށް ނުކުންނަނިކޮށް ބޭބެ އަށް ފެނުނީމަ މިވާހަކަ ދައްކާލެވުނީ..." ބޭބީގެ އަތުގައި ހިފައިގެން އިނދެ ޚާލިދު ވާހަކަ ދެއްކިއެވެ.

"އާނ... ކޮންމެ ރެއަކުވެސް ދަމުން ބުނާނެ... ގޮއްސަ އެހާ ލަހެއްވެސްނުވެ ގެއަށް އަންނާނެ... ހުމޭއަށް ދެރަގޮތެއްވާ ކަހަލަ އެއްވެސް ކަމެއް ނާޝިދު ނުކުރާނެ ހަމަ ޔަޤީން..." ހުމޭދާ ޚާލިދު އާ ދިމާއަށް ބަލަންއިނދެ ވާހަކަ ދެއްކިއެވެ.

"މިމަންޖެ މިހާރު ހާދަލޯތްބޭ...! ނިދެނީ ދޯ....! މިހާރު މި މަންޖެއަށް ކިޔާނެ ނަމެއް ހޯދައިފިންތަ....؟ މިހާރު ނަން ކިޔާ ދުވަސް އައިސް ޖެހުނީނު...." ބޭބީގެ ކޮލުގައި ކޮއްޓާލަމުން ޚާލިދު ބުނެލިއެވެ.

"މިހާރު ނަމެއް ހޯދަމުން މިދަނީ.... އަދި ހަމަ ރީތި ނަމެއް ނުފެނިގެން މިއުޅެނީ...." ބޭބީ ގެންގޮސް އެނދުގައި ބާއްވަމުން ހުމޭދާ ބުނެލިއެވެ.

"ނަން ކިޔާ ދުވަހަށް ބޮނޑިބަތާއި ކުކުޅާ، ކުޅިމަހާ ހަދަންކަމަށް ބޭބެމެން މިވިސްނަނީ.... ހަމައެކަނި ކުކުޅުމަސް ހެދިމާ ކުކުޅު ކާން ބޭނުންނުވާ މީހުން ހިތްހަމައެއް ނުޖެހޭނެއެއްނު... އެހެންވެ ކުޅިމަސްކޮޅެއްވެސް ހަދާލަން ކަމަށް...." ޚާލިދު ވާހަކަ ދެއްކިއެވެ.

"މަންމައާއި ބޭބެއާ ބޭނުންގޮތަކަށް ހެދީމާ ރަނގަޅުވާނެ... ނާޝިދު އެކަހަލަ ކަންކަމަކާ އެހާބޮޑަކަށް އަޅައެއް ނުލާނެ...." ހުމޭދާ ބުންޏެވެ.

ޚާލިދު، ހުމޭދާ ކޮޓަރިން ބޭރަށް ނިކުމެގެންގޮސް ކޮޓަރިއަށް ވަންއިރު އެނދު ތަންމަތި އަޅަން ޙަސީނާ ހުއްޓެވެ.

"އެމަންޖެއާ އެވާހަކަ ދައްކާލަފަ މިއައީ... ނާޝިދު ކޮންމެ ރެއަކު ބޭރަށްދަނީ އެމަންޖެ ކައިރީގަ ބުނެފައޯ... އެކަމަކު ދާތަނެއް ނޭނގެޔޯ... ފަހުން ބުނާނަމޭ ބުނެޔޯ...." އަލިމާރި ހުޅުވާލަމުން ޚާލިދު ބުނެލިއެވެ.

"ކޮބާ އޭރުވެސް މަބުނީމެއްނު ނާޝިދަކީ ގޯސްކުއްޖެއް ނޫނޭ.... ހުމޭދާއަށް ދެރަގޮތެއްވާފަދަ އެއްވެސް ކަމެއް އޭނަ ނުކުރާނެ.... މަށަށް ހަމަ ޔަޤީން... ނާޝިދު އެމަންޖެދެކެ ހާދަ ލޯބިވިއޭ...." އަލަމާރިން ބެޑްޝީޓެއް ނަގަމުން ޙަސީނާ ވާހަކަ ދެއްކިއެވެ.

"ތިއީ މަގޭ އަބަދުގެވެސް އުއްމީދަކީ.... އެމަންޖެ އަބަދުވެސް އުފަލުގަ ހުރުން.... އިރާދަކުރެއްވިއްޔާ އެމަންޖެއަށް ދެރަގޮތެއް ނުވާނެ... އެމަންޖެއަށް އެވާގޮތްތައްވެސް ވަރަށް އަވަހަށް ރަނގަޅު ވެދާނެ..." ހަސީނާ އާ ދިމާއަށް ބަލަން ހުރެ ޚާލިދު ވާހަކަ ދެއްކިއެވެ.

ޖެހިގެން އައިދުވަހެވެ. ހަސީނާ އާ ޒާހިރާ އުޅެނީ ބަދިގޭގައި މެންދުރަށް ކައްކާށެވެ. ޢާއިޝާވެސް ފިޔާކޮޅެއް ނޮޅަން ކާމޭޒު ދޮށުގައި އިނެވެ.

"ކޮބާ މިހާރު ހުމޭދާއަށް ވާގޮތެއް އެނގިއްޖެތަ...."؟ އުނދުން ދޮށުގައި ހުރި ޒާހިރާ، ހަސީނާ ކުރެން އަހާލިއެވެ.

"އަދި ހަމަ އެއްވެސް އެއްޗެއް ނޭނގެ... ޓެސްޓުތައްހަދާފަ ޑޮކްޓަރު ބުނަނީ ހުމޭދާގެ އެއްވެސް ބައްޔެއް ނެތޭ.... މަވެސް ކުރިން ހީކުރީ ވިހައިގެން އުޅޭތި ވާގޮތެއް ކަމަށް... އެކަމަކު ވިހައިގެން ވީގޮތެއްނަމަ މިހާރު ރަނގަޅުވާހާ ދުވަސްވެސް ވީނު... އެކަމަކު ހަމަ ކޮންމެ ރެއަކުވެސް މުޅިގައިން ދިލަނަގާ ނުވާގޮތެއް ނެތް...." ހަސީނާ ވާހަކަ ދެއްކިއެވެ.

"އަހަންނަށް ފެންނަނީ މާލެގޮސް ރަނގަޅު ޑޮކްޓަކަށް ދައްކާލާފަ އަލުން ޓެސްޓުތައް ހަދަން... މިރަށުގައި ނެތޭ ރަނގަޅު ޑޮކްޓަރެއް..." ޒާހިރާވެސް ހިޔާލެއް ދިނެވެ.

"ތިވާހަކަ މަވެސް ބުނެފިން.... ޓިކެޓް ނުލިބިގެން މިއުޅެނީ.... ފްލައިޓުތައް އެއްކޮށް ފުލްވެފަ... ވެއިޓްލިސްޓްކޮށްގެން މިއުޅެނީ.. ކުރިން އުޅުނީ ކަނޑުބޯޓެއްގަ ދާންކަމަށް... އެކަމަކު ކަނޑުބޯޓެއްގަ މިހިސާބުން މާލެ ދިޔުމަކީ ބޮޑު ތަކުލީފެއްނު...." ހަސީނާ ވާހަކަ ދެއްކިއެވެ.

"މަންމާ، ޢާއިޝާގެ ގްރެޖުއޭޝަންވެސް ވަރަށް ގާތްވެއްޖެ... ހަސީނާ ދައްތަމެން ދާއިރު ޢާއިޝާވެސް މާލެ ދާންވީ ކަންނޭނގެ ދޯ..." ފިޔާކޮށަން އިނދެ ޢާއިޝާ ބުންޏެވެ.

"ތީގައޮތޯ ދަރިފުޅު ބޭނުންގޮތެއް... މަންމައަށް އެންމެ ރަނގަޅު... ހުމޭދާވެސް ހުންނާނެތާ... އޭރުން ދަރިފުޅުވެސް ފޫހި ފިލާނެ... ދަރިފުޅުގެ ބައްޕަވެސް މާދަން މިކޮޅަށް އަންނާނެ...." ޒާހިރާ، ޢާއިޝާއަށް ޖަވާބު ދިނެވެ.

"އާނ... ނާޞިރު ފުރައިގެން ދިޔަފަހުން ވަރަށް ދުވަސް ވެއްޖެ... އެހާ ގިނަ ދުވަހު އެރަށުގަ ކީއްތަ އެކުރަނީ....؟" ޙަސީނާ އައިސް މޭޒުދޮށުގައި އިށީންނަމުން ސުވާލު ކުރިއެވެ.

"އެރަށު އިންޖީނުގޭގެ މަސައްކަތްތަކެއް ކުރަން އެދިޔައީ.... އެކަހަލަ މަސައްކަތްކުރާ މީހަކު އެރަށުގަ ނެތީމަ އަބަދުވެސް އެމީހުން ގެންދާނީ ޚާލިދު... އެކަމަކު މިފަހަރު ތަންކޮޅެއް ގިނަދުވަސްވެސް ވެއްޖެ...." ޒާހިރާވެސް މޭޒު ދޮށުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 15 ފެބްރުއަރީ 2024، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް