އިންޑިއާއަށް ބޭސްފަރުވާއަށް ގޮސް ހުއްޓަ ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ގޮފީގެ ރައީސް އަބްދުއް ސަމަދާއި މެދު އަމަލު ކުރީ ވަރަށް އިހާނެތިކޮށް ކަމަށް އޭނާ ބުނެފި އެވެ.
ސަމަދު މިއަދު ރާއްޖެ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޗެނަލް13 އަށް ދިން އިންޓަވިއުއެއްގައި ބުނީ އިމިގްރޭޝަނުން އޭނާ ހޮސްޕިޓަލުގައި ހުއްޓަ ގެންދިޔައީ އިނގިލީގެ ނިޝާނުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ ދޮގު ހަދައިގެން ކަމަށެވެ. އޭނާ އިންޑިއާ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔައީ މީގެ ތިން ދުވަސް ކުރިން ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލްގައި ހުއްޓަ އެވެ.
ސަމަދު ބުނީ އެ ދުވަހު އޭނާ ގެންދިޔައީ އެއާޕޯޓު އިމިގްރޭޝަން އޮފީހަށް ކަމަށެވެ. އަދި އެއްވެސް ސުވާލެއް ނުކޮށް 18 ގަޑިއިރު ބޭންދި ކަމަށެވެ.
އޭގެ ފަހުން ގެންދިޔައީ ކީއްވެތޯ ސުވާލު ކުރުމުން ބުނީ ކުށްވެރިވެފައި ހުރިކަމަށާއި އިންޑިއާގެ ތެރޭގައި އުޅުން މަނާވެ އިންޑިއާއަށް އެރުންވެސް ދެން މަނާވާނެ ކަމަށެވެ. ސަމަދު ބުނީ ދެން އިންޑިއާއަށް އަރައިފި ނަމަ އޭނާ ލާނީ ޖަލަށް ކަމަށް އެމީހުން ބުނި ކަމަށެވެ.
ސަމަދު އިތުރަށް ބުނީ އާއިލާއަށް ގުޅުމުގެ ފުރުސަތު ނުދިނުމުގެ އިތުރުން އޭނާގެ ފޯނުވެސް އިންޑިއާ އިމިގްރޭޝަނުން އަތުލި ކަމަށެވެ. އަދި އެއާޕޯޓުގައި ފިނިގަދަ ކޮޓަރިއެއްގައި ބެހެއްޓީ ރަޖާއެއް އެއްޗެސްވެސް ނުދީ ކަމަށާއި ރަޖާއެއް ލިބުނީ އެތަނުގައި އިން ސައުތް އެފްރިކާ މީހަކު ދިއުމުން އޭނާ ބޭނުން ކުރި ރަޖާ ކަމަށެވެ.
ސަމަދު ބުނީ އޭނާ އަކީ ހިތުގެ ބަލި، ލޭ މައްޗަށް ދާ މީހެއްގެ އިތުރުން ކޮލެސްޓްރޯލް ބައްޔަށް ބޭސްކުރާ މީހެއް ކަމަށެވެ. އިމިގްރޭޝަނުން އަމަލު ކުރި ގޮތުން މިދިޔަ ހަތަރު ދުވަހު ހުންނަން ޖެހުނީ ބޭސް ބޭނުން ނުކޮށް ކަމަށާއި އެކަމާއި ގުޅިގެން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު އިންޑިއާ ސަރުކާރުގެ ފަރާތުން ހޯދަން ބޭނުން ކަމަށެވެ.
މި މައްސަލައިގަ ދިވެހި ސަރުކާރުން ހަމައެކަނި ބުނީ ދިވެއްސަކު އިންޑިއާ އިމިގްރޭޝަނުން ހިފެހެއްޓި މައްސަލަ ސަމާލު ކަމަށް އައިސްގެން އެކަން ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް އަދިވެސް ނުދެ އެވެ.
ސަމަދު ބުނީ އޭނާގެ ކުށަކީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް