މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ ދަށުން 2023-2024ގެ ''ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން" އެ އޮތޯރިޓީގެ ވެބްސައިޓު ގައި ޝާއިޢުކޮށްފި އެވެ.
މީރާ އިން ބުނީ ކުރިއަށް އޮތް ދެ އަހަރަށް އެ އޮތޯރިޓީން ތައްޔާރުކޮށްފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން އެކުލަވާލައިފައި ވަނީ ފާއިތުވި އަހަރުތަކާ ޚިލާފަށް ވަކިވަކި ސިނާއަތްތަކުން ޓެކްސް ދެއްކުމުގައި ހުރި ރިސްކުތަކުގެ އިތުރުން އެ ރިސްކުތަކާ މުނާސަބު ފިޔަވަޅު އެޅުމަށް ހިންގޭނެ ހަރަކާތްތައް ހިމަނައިގެން ކަމަށެވެ.
އެގޮތުން އާންމު އުސޫލުން ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން މީރާ އިން ކުރިއަށް ގެންދަން ރާވައިފައިވާ ކަންކަމުގެ އިތުރުން ކުރިއަށް އޮތް ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވައިފައިވާ ހާއްސަ ހަރަކާތްތައްވެސް މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ހިމަނައިފައިވާ ކަމަށް މީރާ އިން ހާމަކުރެއެވެ.
އަދި އާންމު ކޮމްޕްލަޔަންސް ހަރަކާތްތަކުގެ ތެރޭގައި، ޖީ.އެސް.ޓީ ރޭޓުތަކަށް އައި ބަދަލުތައް ހިމެނޭހެން ޤާނޫނާއި ގަވާއިދުތަކަށް ގެނެވޭ އިސްލާހުތަކަށް ޓެކްސް ދައްކާ ފަރާތްތަކާއި އާންމުން އަހުލުވެރި ކުރުވުމާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ޒިޔާރަތްކޮށް، ޓެކުހާ ގުޅޭ އިންތިޒާމްތައް ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމާއި، ވަކި ފަރާތްތަކަކަށް ހާއްސަކޮށްގެން ޓެކުހާ ގުޅޭ ތަމްރީނުތައް ހިންގައި، ޓެކްސް ބަޔާން ހުށަހެޅުން އިތުރަށް ފަސޭހަކޮށްދިނުން ހިމެނެއެވެ.
ޓެކްސް ނުދައްކާ ފަރާތްތަކާއި ޓެކުހަށް މަކަރު ހަދާ ފަރާތްތައް ދެނެގަނެ، އެ ފަދަ ފަރާތްތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުން ވެސް ހިމެނޭކަމަށް މީރާ އިން ބުނެފައި ވެއެވެ.
މީގެ އިތުރުން މީރާއިން ބުނީ 2023-2024ގެ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގެ ހާއްސަ ކޮމްޕްލަޔަންސް ހަރަކާތްތައް އަމާޒުކޮށްފައިވާނީ، ރަޖިސްޓަރީކުރުމާއި، ބަޔާން ހުށަހެޅުމާއި، ފައިސާދެއްކުން އަދި ސައްހަ މައުލޫމާތު ހުށަހެޅުމާ ގުޅޭ ގޮތުން ފާހަގަކުރެވޭ ރިސްކުތަކަށް މުނާސަބު ފިޔަވަޅު އެޅުމަށް ކަމަށެވެ.
މި ގޮތުން، ޓެކުހުގެ ޤާނޫނުތަކަށް ތަބާވުމުގައި، ޓެކުހުގެ ވަކި ބާވަތްތަކާއި، ޓެކްސް ދައްކާ ފަރާތްތަކުގެ ކުޑަބޮޑު މިން އަދި އެކި ސަރަހައްދުތަކުން ފާހަގަކުރެވޭ މައްސަލަތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް މީރާއިން ބުނެފައި ވެއެވެ.
މި ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން ވެސް، ސަރުކާރުގެ މުއައްސަސާތަކާއި، ތަންފީޒީ އިދާރާތައް އަދި ކަމާބެހޭ އެހެނިހެން މަސްލަހަތުވެރިންގެ ފަރާތުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ނޮން-ކޮމްޕްލަޔަންސް ދެނެގަނެ، އެކަން ހުއްޓުވުމުގެ މަސައްކަތްތައް ދާއިމީ ގޮތެއްގައި ކުރިއަށް ގެންދާނެކަމަށް މީރާއިން ބުނެފައި ވެއެވެ.
ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭންއަކީ މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި އެކުލަވާލާ ޕްލޭންއެކެވެ.
މީރާގެ ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް ޕޮލިސީއަކީ ޓެކުހާ ގުޅޭ އިންތިޒާމްތައް އަދާކުރުން ލުއިފަސޭހަކޮށްދީގެން ޓެކްސް ދައްކާ ފަރާތްތަކުން އަމިއްލަ އިހުތިޔާރުގައި ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާވުން ނުވަތަ 'ވޮލަންޓްރީ ކޮމްޕްލަޔަންސް' އިތުރުކުރުމާއި، ތަންފީޒީ ފިޔަވަޅުތައް މެދުވެރިކޮށް ޓެކުހުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް ތަބާނުވުން ނުވަތަ 'ނޮން-ކޮމްޕްލަޔަންސް' މަދުކުރުވުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޕޮލިސީއެކެވެ.
2020 ވަނަ އަހަރުން ފެށިގެން މީރާ އިން ދަނީ ކޮންމެ އަހަރަކަށް ވެސް ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނެއް ތައާރަފްކޮށް މި ޕްލޭންގެ ދަށުން ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް