ސިއްހީ ދާއިރާގެ ހުރިހާ ޕްރޮފެޝަނަކަށްވެސް ރަނގަޅު މުސާރައެއް ކަނޑައަޅާފައިވާނެ: ފައިޒަލް

ސިއްހީ ދާއިރާގެ ހުރިހާ ޕްރޮފެޝަނަކަށްވެސް ރަނގަޅު މުސާރައެއް ކަނޑައަޅާފައިވާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވެއްޖެ އެވެ. ޑރ. ފައިޒަލް މިކަން ހާމަކޮށް...

13 Feb 2023 | 14:11

ސިއްހީ ދާއިރާގެ ހުރިހާ ޕްރޮފެޝަނަކަށްވެސް ރަނގަޅު މުސާރައެއް ކަނޑައަޅާފައިވާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިޒަލް މިކަން ހާމަކޮށްފައި ވަނީ ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޑރ. ފައިޒަލް ވިދާޅުވީ، ސިއްހީ ދާއިރާގައި 55 ޕްރޮފެޝަން ހިމެނޭ ކަމަށާއި އެ ހުރިހާ ޕްރޮފެޝަނެއްގައި ދިވެހި މުވައްޒަފުން ނެތް ނަމަވެސް އެ ހުރިހާ ފްރޮފެޝަނަކަށްވެސް ރަނގަޅު މުސާރައެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް ދިވެހިންގެ ޝައުގުވެރިކަން އުފެދޭނެ ކަމަށް ޑރ. ފައިޒަލް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މިކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް ދިވެހިން ލިބުމުގައި އޮތް ދަތިކަމަށް ހައްލެއް ލިބިގެންދާނޭ ކަމަށް ޑރ. ފައިޒަލް ވިދާޅުވެފައި ވެއެވެ.

ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. ފައިޒަލް މިހެން ވިދާޅުވެފައި ވާއިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ މިއަހަރަށް އިއްވި ރިޔާސީ ބަޔާނުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް