ޖާންވީ ޓެލެގޫ ފިލްމު ކުޅެން ފަށަނީ

ބޮލީވުޑްގަިއ ކުރިއަރަމުން އަންނަ ބަތަލާ އަދި ކުރީގެ މަޝްހޫރު ބަތަތާ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު އިންޑިއާގެ ބަހެއް ކަމަށްވާ ޓެލެގޫ ފިލްމު ކުޅެން ތައްޔާރު ވެއްޖެ އެވެ. ހިންދީ ބަހުގެ އިތުރުން ތަމަޅ...

13 Feb 2023 | 11:31

ބޮލީވުޑްގަިއ ކުރިއަރަމުން އަންނަ ބަތަލާ އަދި ކުރީގެ މަޝްހޫރު ބަތަތާ ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު އިންޑިއާގެ ބަހެއް ކަމަށްވާ ޓެލެގޫ ފިލްމު ކުޅެން ތައްޔާރު ވެއްޖެ އެވެ.

ހިންދީ ބަހުގެ އިތުރުން ތަމަޅަ، ޓެލެގޫ އަދި ކަންނާޑާ ފިލްމުތަކަކީ ދުނިޔޭގައި މަޝްހޫރުކަން ހޯދާ ބަސްބަހުގެ ފިލްމުތަކެވެ. ހާއްސަކޮށް ހިންދީ ފިލްމުތަކަށް ވުރެ ތަމަޅަ ފިލްމުތަކާއި އެ އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނަށް ސަޕޯޓު ކުރާ މީހުން ދުނިޔޭގެ އެކި ގައުމުތަކުގައި މާ ގިނަ އެވެ.

ޖާންވީ ޓެލެގޫ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމުގައި ފެނިގެންދާނީ ޓެލެގޫ ފިލްމުތަކުގައި މަޝްހޫރު ތަރިއެއް ކަމަށްވާ އެން ޓީ ރާމަ ރާއޯ ޖޫނިއާ (ޖޫނިއާ އެންޓީއާރު) އާއި އެކު އެވެ. ޖޫނިއާ އެންޓީއާރަކީ މިއަހަރުގެ ގޯލްޑަން ގްލޯބް އެވޯޑުގައި ބެސްޓް އޮރިޖިނަލް ލަވައިގެ މަގާމު ލިބުނު ނާޓު ނާޓު ލަވަ ހިމެނޭ ޓެލެގޫ ފިލްމު "އާރުއާރުއާރު" ގެ ބަތަލެވެ.

މި ފިލްމުގެ ނަމާއި ފިލްމާއި ގުޅޭ އިތުރު މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ. ޕްރޮޑަކްޝަން ޓީމުގެ މެމްބަރަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ފިލްމަށް ޖާންވީ ވަނީ ސޮއި ކޮށްފައި އެވެ. އަދި އަންނަ ހަފްތާގައި ލީޑް އެކްޓަރުންގެ ފޮޓޯ ޝޫޓުގައި ޖާންވީ ބައިވެރިވާނެ ކަމަށް ބުނެފައިވެ އެވެ.

މި ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.

ޖާންވީ ބޮލީވުޑަށް ތައާރަފުވީ 2018 ވަނަ އަހަރު ފިލްމު "ދަޑަކް" އިންނެވެ.

އޭނާ ކުރިޔަށް އޮތް ބޮލީވުޑް ފިލްމަކީ "ޖާނާ ގާނާ މާނާ" އެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓު ތިން ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް