އަމިއްލަ މޯލްޑިވްސް ރިސޯޓް އެންޑް ރެސިޑެންސެސްގައި އެ ރިސޯޓްގެ މުވައްޒަފުންގެ މެދުގައި ކްރިކެޓް ލީގެއް ފެށިގެން ކުރިއަށް އެބަ ދެއެވެ.
މި މުބާރާތާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އެ ރިސޯޓުން ބުނީ މި މުބާރާތަކީ އެ ރިސޯޓްގެ މުވައްޒަފުންގެ މެދުގައި މި އަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތް ކަމަށާއި މި ލީގުގައި ކްރިކެޓަށް ލޯބިކުރާ އެ ރިސޯޓްގެ 44 މުވައްޒަފަކު ބައިވެރިވާކަމަށެވެ.
"ހަތަރު ޓީމަކަށް ބަހާލައިގެން ކުރިއަށް މި ގެންދަނީ، އެއީ ބޮމްބް ސްކޮޑް، ޕިޗް ސްމޭޝާސް، ސްކްރޫ ބޯލްސް އަދި އަމިއްލަ ލަޔަންސް" އެ ރިސޯޓުން މައުލޫމާތުދެމުން ބުނެފައިވެއެވެ.
އޭނާ ބުނީ މި ކްރިކެޓް ލީގު ކުރިއަށްދާނީ ދެ ބުރަކަށް ބަހާލައިގެން ކަމަށާއި ސެމީ ފައިނަލާއި ފައިނަލް ހިމެނޭހެން އެކު ޖުމްލަ 14 މެޗެއް ކުޅޭނެ ކަމަށެވެ.
"އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް އޮޓޯއިން ފައިނަލަށް ދާނެ ފައިނަލްގައި ކުޅޭނެ ދެވަނަ ޓީމް ކަނޑައެޅިގެންދާނީ މުޅި މުބާރާތުން ދެވަނައަށް އަދި ތިންވަނައަށް ޕޮއިންޓް ހޯދާ ދެޓީމް ދެމެދުގައި ކުޅެވޭ މެޗުން" އެ ރިސޯޓުން ބުންޏެވެ.
މި މުބާރާތް ފެށުމުގެ ގޮތުން ފޯރިގަދަ ހަރަކާތެއް ބާއްވާފައިވާއިރު އެ ރިސޯޓްގެ ހުނަރުވެރި މުވައްޒަފުން ވަނީ އެ ރަސްމިއްޔާތުގައި ބައެއް ނެށުމުގެ ހަރަކާތްތައް ހުށަހަޅާދީފައެވެ.
"އަމިއްލަ ޕްރިމިއަރ ލީގު 2023" ގެ ނަން ދީފައިވާ މި ލީގު ފައްޓަވައިދެއްވީ އެ ރިސޯޓްގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް، ހަސަން ޝަރީފް (ޝަރީ) އެވެ.
މި މުބާރާތަށް ކޯޕަރޭޓް ކަންސިއާޖް ސާވިސްގެ ފަރާތުން ޗެމްޕިއަން ޓީމަށް ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރ-އަޕް ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ލީގުގެ ބެސްޓް ބޯލަރ، ބެސްޓް ބެޓްސްމަން، މޭން އޮފް ދަ ލީގު ހޮވުން އޮންނާނެކަމުގައިވެސް އެ ރިސޯޓުން ބުނެއެވެ.
މި މުބާރާތް އިންތިޒާމުކޮށް ރޭވުމުގައި އަމިއްލަ މޯލްޑިވްސްގެ އަމިއްލަ ރޫހު ކޮމިޓީއާއި ރިސޯޓްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓްގެ ޓީމްގެ މަސައްކަތް އެ ރިސޯޓުން ފާހަގަކުރެއެވެ.
މިއީ އެ ރިސޯޓްގައި ކްރިކެޓް ލީގެއް ބާއްވާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް