ނައިބު ރައީސް، ވޯލްޑް ގަވަމަންޓް ސަމިޓް 2023 ގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ނުވަ ވަނަ ވޯލްޑް ގަވާމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެންފިއެވެ. މި ސަމިޓު ކުރިޔަށް ދަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގެ މަދީނާތު ޖު...

13 Feb 2023 | 09:20

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ނުވަ ވަނަ ވޯލްޑް ގަވާމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ސަމިޓު ކުރިޔަށް ދަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގެ މަދީނާތު ޖުމެއިރާގައި އެވެ. މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ސަމިޓެކެވެ.

މި ސަމިޓް ހޯސްޓް ކޮށްދެއްވާފައިވަނީ ޔޫ.އޭ.އީ.ގެ ނައިބު ރައީސް، ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއިގެ ރޫލާރ ހިޒް ހައިނެސް ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއެވެ.

"ޝޭޕިންގ ފިއުޗަރ ގަވަރމެންޓްސް" މި ޝިއާރުގެ ދަށުން ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި ފިކުރުގެ ލީޑަރުންނާއި، ބައިނަލްއަޤްވާމީ މާހިރުންނާއި، ނިންމުންތައް ނިންމާ ފަރާތްތައް އެއްތަނަކަށްއެއްވެ،

ޚިޔާލުބަދަލުކުރައްވައި، މުސްތަޤްބަލުގެ ސަރުކާރުތައް ބައްޓަންކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި ސިޔާސަތުތަކާއި، ޒަރޫރީ މޮޑެލްތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ.

މިއަހަރުގެ ސަމިޓުގެ އެޖެންޑާގައި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ބިނާކުރުމުގެ މައްޗަށް އަމާޒުކޮށް، މައިގަނޑު ހަ މައުޟޫއަކަށް އަލިއަޅުވާލާފައިވެއެވެ.

އޭގެ ތެރޭގައި ތަރައްޤީއާއި ހިންގުން ހަލުވިކުރުމާއި، މުޖުތަމަޢުތަކާއި ޞިއްޙީ ޚިދުމަތުގެ މުސްތަޤްބަލް ދެނެގަތުމާއި، އިޤްތިޞާދީ ރެޒިލިއަންސް އެންޑް ކަނެކްޓިވިޓީ ހިންގުމާއި، ގްލޯބަލް ސިޓީ ޑިޒައިން އެންޑް ސަސްޓެއިނަބިލިޓީ ހިންގުމާއި، އުނގެނުމާއި މަސައްކަތަށް އިސްކަންދިނުން ހިމެނެއެވެ.

މި ސަމިޓަކީ، ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަންތައްތަކާއި އެފަދަ ކަންކަމަށް އެންމެ އެކަށޭނަ އެންމެ ރަނގަޅު ޙައްލުތައް ދައްކާލައި ޚިޔާލުބަދަލުކުރުމަށް ޙާއްޞަ ޕްލެޓްފޯމެއް ލިބިގެންދާ ސަމިޓެކެވެ.

އަދި މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޕްރަވެޓް އަދި ޕަބްލިކް ސެކްޓަރގެ ލީޑަރުން ދުނިޔޭގައި ތަރައްޤީއާއި ތަނަވަސްކަން ކުރިއެރުވުމުގެ މަޤްޞަދުގައި، ސަރުކާރާއި އާ އީޖާދުތަކުގެ މެދުގައި އުފެދިފައިވާ ހަލަބޮލި ކަންކަމާ މެދު އެންމެން ގުޅިގެން އަދި އުފެއްދުންތެރިކަމާއެކު ވިސްނުމަށް ބާރުއަޅުއްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް