ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވުން ހުކުރު ދުވަހުގެ ރޭ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ. މިދިޔަ މަހުގެ28 ވަނަ ދުވަހު ބޭއްވި އެ...

13 Feb 2023 | 08:49

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވުމުގެ ރަސްމިއްޔާތު އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

މިދިޔަ މަހުގެ28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ61 ޕަސެންޓުން ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ވާދަ ކުރައްވަ އެވެ. ނަޝީދަށް އިންތިހާބުގައި ލިބިވަޑައިގެންނެވީ39 ޕަސެންޓު ވޯޓެވެ.

އެމްޑީޕީގެ ސެކްރެޓޭރިއަޓުން ބުނީ ޓިކެޓު ހަވާލު ކުރުމުގެ ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރަމުންދަނީ ކާނިވަލުގައި ކަމަށެވެ. އެކަމަކު އަދި ތަން ފައިނަލް ނުވާ ކަމަށާއި ކާނިވާ ނުލިބުނު ކަމުގައި ވިޔަސް އެރޭ އެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ.

އެރޭގެ ހަރަކާތްތަކަށް އެމްޑީޕީގެ އެކި ގޮފިތަކުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި ރައީސް ސޯލިހްގެ ކެމްޕޭން ޓީމުގައި އިސްކޮށް އުޅުއްވި ހުސައިން ޝަމީމް (އަނދުން ހުސައިން) އިއްޔެ ވަނީ މި ޖަލްސާއަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ޓްވީޓެއްވެސް ކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސަށް އެރުވުމަށް ތައްޔާރުވަމުން ދާއިރު ނަޝީދު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ ފަހަތްޕުޅުގައި މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައި އެވެ. ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ޕްރައިމަރީ ކާމިޔާބު ކުރެއްވީ ވަރަށް ކުޑަ ތަފާތަކުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަށް ވުރެ ފަސޭހައިން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް