އިންޑިއާގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް16" އެމްސީ ސްޓަން ކާމިޔާބު ކޮށްފި އެވެ.
ސްޓަން އަކީ މިހާތަނަށް އެ ޝޯގައި ބައިވެރިވި އެންމެ ތަފާޓު ބައިވެރިޔާ އެވެ. އޭނާ އަކީ ޕޫނޭއަށް ނިސްބަތްވާ ރެޕް ލަވަކިޔުންތެރިއެކެވެ.
ބޮލީވުޑް އަދި އިންޑިއާގެ ހިންދީ ޑްރާމާ ސިލްސިލާތަކުގައި ފާހަގަ ކޮށްލެވޭ ތަރިންތަކަކާއި ވާދަކޮށް ފުލުހުންގެ ކޮންސްޓަބަލްއެއްގެ ދަރިއެއް ކަމަށްވާ އެމްސީ އެ ޝޯ ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. އޭނާއަށް ބޮޑު ފަރަގަކާއި އެކު ބިގް ބޮސް16 ކާމިޔާބު ކުރެވިފައިވަނީ އާންމުންގެ ފަރާތުން ލިބުނު އެއް ކްރޯޑަށް ވުރެ ގިނަ ވޯޓުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާއަށް16.9 މިލިއަން ވޯޓު ލިބުނު އިރު ދެ ވަނަ ލިބުނީ ޝިވް ތަކޭރޭ އަށެވެ. މި ޝޯ ކާމިޔާބު ކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ހީކުރި ޕްރިޔަންކާ ޗާހަރް ޗައުދްރީއަށް ލިބުނީ ތިން ވަނަ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޝޯގެ ތެރެއިން މާގިނަ ޕޮސިޓިވް ކޮމެންޓުތަކެއް ލިބިފައި ނުވާ އެމްސީއަށް އެހާ ފަރަގު ބޮޑުކޮށް އާންމުންގެ ވޯޓު ލިބިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. އޭނާއަށް ޝޯގެ ފައިނަލާއި ހިސާބަށް ދަތުރު ކުރެވުނީ ހޮސްޓު ސަލްމާން ހާން ފަރާތުން ލިބެމުންދިޔަ ޕޮސިޓިވް ކޮމެންޓު ތަކާއި އެކު ބިގް ބޮސް ގޭގައި އޭނާ އުޅުނު ތަފާތު ގޮތުންނެވެ.
މިފަހަރުގެ ބިގް ބޮސް ޝޯއަކީ މިހާތަނަށް އެންމެ ތަފާތު މީހުން ބައިވެރިވި ފަހަރެވެ. މިފަހަރުގެ ޝޯގައި ބޮލީވުޑް ޑައިރެކްޓަރުންނިން ފެށިގެން އެހެން ގައުމުތަކުގެ ފަންނާނުންވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި ކަޒިކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުލް ރޯޒިކް ވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް