ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ ދަށުން އަލަށް ގެނައި 15 އެމްބިއުލާންސް ރަށްތަކަށް ފޮނުވައިފިއެވެ.
އެގޮތުން، ހެލްތު މިނިސްޓްރީން ބުނީ އަލަށް ގެނައި 15 އެމްބިއުލާންސް ފޮނުވާފައިވަނީ، ހއ. ތުރާކުނާއި އެ އަތޮޅު ވަށަފަރު އަދި ބާރަށުގެ އިތުރުން ޅ. ކުރެންދޫ، ކ. ކާށިދޫ، އއ. ފެރިދޫ، މ. މުލައް، ދ. މީދޫ، ދ. މާއެނބޫދޫ، ލ. މާބައިދޫ، ލ ގަން އަދި ގއ. މާމެންދޫގެ އިތުރުން ގދ. ވާދުއަށް ކަމަށެވެ.
މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލަށާއި ކުޅުދުއްފުށީ ސިޓީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށްވެސް އެމްބިއުލާންސް ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯ އާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވަނީ މިިދިޔަ 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.
އެސްޓީއޯ އާ ހަވާލުކޮށްގެން ގެނެސްފައިވާ އެމްބިއުލާންސްތަކުގެ ތިން ބުރެއް ރާއްޖެގެނެސްފައިވާއިރު، މީގެ ކުރިން ދެ ބުރެއްގައި 40 އެމްބިއުލާންސް ގެނެސްފައިވެއެވެ.
އަދި ފުރަތަމަ ގެނައީ އެމްބިއުލާންސް ބެޗުގައި ގެނެސްފައި ވަނީ 20 އެމްބިއުލެންސެވެ. އެއީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބެޗުގެ 20 އެމްބިއުލާންސް ގެނެސްފައިވަނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ އެމްބިއުލާންސްތައް މިހާރު ވަނީ ރަށްރަށަށް ފޮނުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް