އިންޑިޔާ އާއި ރާއްޖެއާ ދެމެދު ދިފާޢީ ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

އިންޑިޔާ އާއި ރާއްޖެއާ ދެމެދު ދިފާޢީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުގެ ދެމެދުގައި މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިޔާގެ ޑިފެނ...

13 Feb 2022 | 14:43

އިންޑިޔާ އާއި ރާއްޖެއާ ދެމެދު ދިފާޢީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމާ ބެހޭގޮތުން ދެފަރާތުގެ ދެމެދުގައި މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިޔާގެ ޑިފެންސް ސެކްރެޓަރީ ޑރ އަޖޭ ކުމާރު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެފަރާތުން ވެސް ވަނީ ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، އިންޑިޔާ އާއި ރާއްޖެއާ ދެމެދު ޑިފެންސް ކޯޕަރޭޝަން އިތުރަށް ފުޅާވެ، ވަރުގަދަވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ، ކޯވިޑް-19ގެ ދަތި އުނދަގޫ ޙާލަތުގައި، ވެކްސިން ޝިޕްމަންޓުތަކާއި ބޭސްފަރުވާއާއި ކާބޯތަކެއްޗާއި އިންސާނީ އެހީއާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އިންޑިޔާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މިގޮތުން، ވޭތުވެދިޔަ މަދު އަހަރުކޮޅުގެ ތެރޭގައި، 170 އަށްވުރެ ގިނަ މެޑިކަލް އިވޭކުއޭޝަނާއި 130 ސަރވައިލެންސް މިޝަން ހިންގުމުގައި އިންޑިޔާގެ އެހީތެރިކަން ލިބިފައިވާކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

އަދި ކޯސްޓް ގާޑުގެ ޑޮކްޔާޑް ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު ޑިފެންސް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްކަން ފާހަގަކުރައްވާ، އެކަމަނާވަނީ އިންޑިޔާ ސަރުކާރުން މި މަޝްރޫޢަށް ދެއްވާ އެހީތެރިކަމަށްޓަކައި ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، އިންޑިޔާގެ ޑިފެންސް ސެކްރެޓަރީ ޑރ އަޖޭ ކުމާރު ވަނީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮތް ޕާރޓްނަރޝިޕް އިތުރަށް ވަރުގަދަކުރުމަށްޓަކައި އިންޑިޔާ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޑިފެންސްގެ އަރިހުގައި، މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް ޢަބްދުލް މަތީން އަޙްމަދާއި ޑީއައިޑީސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަޙްމަދު ޝަރީފާއި، ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް