ކޮމަންޑޫ ކައިރިން ރިސޯޓު ހަދަން ރަށްތައް ދޭން އުޅުން ކޯޓުން ހުއްޓުވައިފި

ށ. ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއްގައި ރިސޯޓެއް ހަދަން ކުއްޔަށް ދޭން ސަރުކާރުން އިއުލާން ކޮށްފައި ވަނިކޮށް އެކަން ސިވިލް ކޯޓުން ހުއްޓުވައިފި އެވެ. ސިވިލް ކޯޓުން ހުއްޓުވީ ކޮމަންޑޫ ކައިރީގައި އޮންނ...

13 Feb 2022 | 13:04

ށ. ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއްގައި ރިސޯޓެއް ހަދަން ކުއްޔަށް ދޭން ސަރުކާރުން އިއުލާން ކޮށްފައި ވަނިކޮށް އެކަން ސިވިލް ކޯޓުން ހުއްޓުވައިފި އެވެ.

ސިވިލް ކޯޓުން ހުއްޓުވީ ކޮމަންޑޫ ކައިރީގައި އޮންނަ ށ. މެދުރަށާއި، މައިރަށުގެ އިތުރުން ދިގުރަށް ކުއްޔަށް ދިނުމެވެ. އެ ރަށްތަކަކީ ރިސޯޓް ހެދުމަށް މިދިޔަ މަހު ސަރުކާރުން ހުޅުވާލާފައި ވަނިކޮށް އޭގެ ތެރެއަށް ފަހުން އިތުރުކުރި ރަށްތަކެކެވެ.

އެ ތިން ރަށް ރިސޯޓް ހަދަން ކުއްޔަށް ދޫކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އިއްޔެ އަމުރުކުރީ ޕްރިމިއާ އިކުއިޓީ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރަކަށް އެދުމުންނެވެ. އެ ކުންފުނިން ދައުވާ ކުރަނީ އެ ތިން ރަށަކީ، ސަރުކާރުން ކުރިން އެ ކުންފުންޏާ އެކު ހެދި ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން، އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ ތިން ރަށް ކަމަށް ބުނެ އެވެ. އެހެންވެ، އެ މައްސަލަ ނިމެންދެން އެ ތިން ރަށް އެހެން ބަޔަކަށް ނުދިނުމުގެ އަމުރަކަށް އެ ކުންފުނިން އެދުނެވެ.

ސިވިލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ފެންނަން ހުރި ކަންތައްތަކަށް ބަލާއިރު، އެ ރަށްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމުން ޕްރިމިއާ އިކުއިޓީ ކުންފުންޏަށް ލިބެނޭ ކަމަށް ބެލެވޭ ގެއްލުން މާ ބޮޑު ކަމަށެވެ. އަދި އެ ކުންފުންޏަށް އެ ތިން ރަށް ދޭން ސަރުކާރުން އެ ކުންފުންޏާ އެކު މަޝްވަރާ ކޮށްފައިވާއިރު، އެ މައްސަލައިގައި ގޮތެއް ނިމެންދެން އެހެން ފަރާތަކަށް އެ ތިން ރަށް ނުދެވޭނެ ފަދަ ފިޔަވަޅެއް ކޯޓުން އަޅަންޖެހޭ ކަމަށް އެ ނިންމުމުގައިވެ އެވެ.

ސިވިލް ކޯޓުގެ އިސްގާޒީ އަބްދުﷲ އަލީ ނެރުއްވި އެ އަމުރުގައި ވަނީ ށ. މެދުރަށާއި މައިރަށުގެ އިތުރުން ދިގުރަށުގައި ރިސޯޓް ހަދަން ބިޑް ހުށަހެޅުން ފަސްކުރަން ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އަންގާ ކަމަށެވެ.

ޕްރިމިއާ އިކުއިޓީ ކުންފުނިން ކުރާ ދައުވާގައިވާ ގޮތުން އެ ތިން ރަށް އެ ކުންފުންޏަށް ދޭން ސަރުކާރުން އެއްބަސްވެފައި އޮތީ 2008 ވަނަ އަހަރު ލ. ބޮޑުފިނޮޅު އަދި ލ. ގަސްފިނޮޅުގައި ރިސޯޓް ހަދަން އެ ކުންފުންޏަށް ދީފައި ވިޔަސް، އެ ތަނުގައި އަމިއްލަ މީހެއްގެ ބިމެއް އޮތުމުން އެތަނުގެ ބަދަލުގަ އެވެ. އެކަމަކު ދައުލަތުން ބުނާގޮތުން އެކަމާ ބެހޭގޮތުން މަޝްވަރާތަކެއް ކުރެވިފައި ވިޔަސް، އެ ތިން ރަށް އެ ކުންފުންޏަށް ދިނުމަށް އެއްބަސްވުމެއް ނޯންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް