ނިޒާމަކީ ސިޔާސީންގެ ކުޅޭ ކުޅޭ އެއްޗަކަށް ހަދައިގެން ކަމަކު ނުދާނެ: އައްޑޫ ޝަރީފް

ނިޒާމަކީ ސިޔާސީންގެ ކުޅޭ ކުޅޭ އެއްޗަކަށް ހަދައިގެން ކަމަކު ނުދާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދ...

13 Feb 2022 | 09:36

ނިޒާމަކީ ސިޔާސީންގެ ކުޅޭ ކުޅޭ އެއްޗަކަށް ހަދައިގެން ކަމަކު ނުދާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވޯޓު ނަގާނެ ތާރީޚާއި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ފައިނަލްކުރުމަށް ޕާޓީގެ ކޮންގްރެސްއަށް ހުށައެޅުމަށް ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން މިކަމަށް އިޝާރަތް ކުރައްވާ އައްޑޫ ޝަރީފް ވިދާޅުވީ ޤައުމެއް ކުރިއަރައި ދެވޭނީ، ހަމަޖެހުމާ ސުލްހަ މަސަލަސްކަމާ އަމާންކަމާއި ހަމަޖެހުން އޮވެގެންކަމަށެވެ.

އަދި ޤައުމުތަކުގައި ވެރިކަމުގެ ނިޒާމްތައް ހިންގަން ދުވަސް ނަގާއިރު، އިރުއިރު ކޮޅާ ސިޔާސީ މީހުންގެ މަސްލަހަތު ހިމެނޭ ގޮތަށް ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ ގައުމަށް ފައިދާކުރާނެ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މިއީ ރައްޔިތުންގެ މުސްތަގުބަލާއި މެދު ގޮތް ނިންމުމުގެ ކޮންޓްރޯލް ރައްޔިތުން ނަގަންވީ ވަގުތުކަމަށެވެ.

މި ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ބަދަލުކުރަން ފެންނަ އިސްލާހުގެ ގޮތުގައި ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ކަންތައް ތަކުގެ ތެރޭގައި، ރިޔާސީ ޕްރައިމަރީ ބޭއްވުމާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގެ ޢަދަދު ކަނޑައެޅުމާއި ޖޭއެސްސީ އިސްލާޙުކުރުން ހިމަނުއްވާފައިވެއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމްލަ ވޯޓުގެ 30 އިންސައްތައަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ، އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށާއި އެއްވެސް ކެންޑިޑޭޓަކަށް ޖުމްލަ ވޯޓުގެ 30 އިންސައްތަ ނުލިބިއްޖެ ނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.  އަދި މި އިސްލާހް ގެނައުމުގެ ބޭނުންފުޅަކީ އެމްޑީޕީ ގިނަދުވަހު ވެރިކަމުގައި ދެމިއޮތުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް