މިހިނގާ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރީޓެއިލް ވިޔަފާރިކުރާ ގިނަ ތަންތަނުން ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) "ގިފްޓް ކާޑްސް" ގަންނަން ލިބޭނެ ކަމަށް، އެކުންފުނިން ހާމަކޮށްފިއެވެ.
ރީޓެއިލް ވިޔަފާރި ކުރާ ތަންތަނުން ބީއެމްއެލް 'ގިފްޓް ކާޑްސް' މިހާރު ގަންނަން ލިބެން ހުންނާނެކަން ހާމަކޮށްފައިވަނީ ސިވިލް ކޮފީ ސޮސައިޓީގައި އިއްޔަ ބޭއްވި ކުޑަ ޚަފްލާއެއްގައެވެ.
ނިމިގެންދިޔަ 2016 ވަނަ އަހަރު ތަޢާރަފްކުރެވުނު ބީއެމްއެލް ގިފްޓް ކާޑްސްއަކީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ބޭނުން ކުރެވޭގޮތަށް އަދި ގަންނަ ވަގުތުން ފެށިގެން ބޭނުން ކުރެވޭ ކާޑެކެވެ.
މާސްޓާރ ކާޑާއި ގުޅިގެން ބީއެމްއެލްއިން ތަޢާރަފްކުރި ގިފްޓް ކާޑުގައި 200 ރުފިޔާ، 300 ރުފިޔާ، 500 ރުފިޔާ، 700 ރުފިޔާ އަދި 1000 ރުފިޔާ ބޭނުން ކުރެވޭނެ ކާޑުވެސް ހުންނާނެ ކަމަށް ބީއެމްއެލް އިން މަޢުލޫމާތު ދެއެވެ. އަދި ގިފްޓް ކާޑު ބޭނުން ކޮށްގެން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވޯކް ކަމުގައިވާ ޕީއޯއެސް މެޝިން ބޭނުން ކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އިޔެ ބޭއްވުނު މިޚަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފު ވިދާޅުވީ " އަޅުގަނޑުމެންގެ ގިފްޓް ކާޑަކީ ރަޙްމަތްތެރިންނާއި ލޯބިވާ މީހުންނަށް ދޭން އެންމެ ރަނގަޅު އެއް ހަދިޔާ" ކަމަށާއި "ވަރަށް ރީތިކޮށް ޑިޒައިން ކޮށްފައިވާ މިކާޑަކީ ނަގުދު ފައިސާ ހަދިޔާގެ ގޮތުގައި ދިނުމުގެ ބަދަލުގައި ބޭނުން ކުރެވޭނެ އެއްޗެއް." ކަމަށެވެ.
ބީއެމްއެލް އިން ފަށާފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭނަކީ، ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗް، 78 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 020 ކޭޝް އޭޖެންޓުން، 20 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް