ތިމަރަފުށީ ކައުންސިލަށް އެމްޑީޕީން ވާދަ ނުކުރުމަށް ޝަރީފު އެދުމުން މައްސަލަ އޭސީސީއަށް!

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަމުން ގެންދަވާ މައްސަލައެއް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)...

13 Feb 2017 | 06:09

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަމުން ގެންދަވާ މައްސަލައެއް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އޭސީސީއަށް މައްސަލަ ހުށަހެޅީ އެމްޑީޕީންނެވެ.

އެ ޕާޓީން ހުށަހެޅި މައްސަލައިގަ ބުނެފަިއވަނީ ތ. ތިމަރަފުށީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ޝަރީފު ބޭއްވެވި ބައްދަލުވުމެއްގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ޕީޕީއެމް ކެންޑިޑޭޓުންނަށް އިންތިހާބު ދޫކޮށްލުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އެހުށަހެޅުން ގަބޫލު ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ސަރުކާރުގެ ތެރެއިން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ޝަރީފު ވިދާޅުވި ކަމަށެވެ.

އެމްޑީޕީން އޭސީސީއަށް ހުށަހެޅީ މައްސަލައިގަ އިތުރަށް ބުނެފައިވަނީ މިއީ މިފަދަ ގޮތަށް ޝަރީފު ވާހަކަދެއްކެވި ދެވަނަ ފަހަރު ކަމަށެވެ.

ޝަރީފު ތިމަރަފުށީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި މި ބައްދަލުވުމުގައި ދެއްކެވި ވާހަކަތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައި އެވެ. އަދި ޝަރީފަށް ގިނަ ފާޑު ކިޔުންތަކެއްވެސް އަމާޒުވެފައިވެ އެވެ.

އެ ދުވަހު ޝަރީފު ވިދާޅުވެފައިވަނީ އެމްޑީޕީ ކެންޑިޑޭޓުން ތިމަރަފުށީ ކައުންސިލަށް ހޮވައިގެން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ. އަދި އެމްޑީޕީ ކައުންސިލަރުން ހޮވިއްޖެ ނަމަ ރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނެ ކަމަށެވެ.

އެމްޑީޕީ ކެންޑިޑޭޓުން އުޅެނީ ވަޒީފާގެ ބޭނުމުގައި ކަމަށްވާނަމަ  ސަރުކާރުން ވަޒީފާ ހޯދައި ދޭނެ ކަމަށެވެ. އަދި ޝަރީފު އަމިއްލަފުޅު ހައިސިއްޔަތުން އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ކައުންސިލްގެ ހަތަރު ގޮނޑި ޕީޕީއެމަށް ދޫކޮށްލައްވާ. ކުރިމަތިލާ ހަތަރު މީހުންނަށް އަޅުގަނޑުމެން ވަޒީފާ ހޯދައިދޭނަން. އަޅުގަނޑު މި ދަންނަވަނީ، އަމިއްލަ އަށް މަސައްކަތް ކޮށްދޭނަމޭ،" އޭނާ ވިދާޅުވެފައިވެ އެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ މަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް